މަކަރާ ޖަހައިގެން ދުނިޔެ ކެވޭނީ ވަކި ވަރަކަށް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިއްވެވި ރިޔާސީ ބަޔާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކުޑަތަންވެފައި ވަނިކޮށް، މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެއްޓެވުމަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހީމް ވަނޫ މާލެ ސަރަހައްދުން ދޫކުރާ ގޯތީގެ އަދަދު އިތުރުކޮށް، ފްލެޓުތަކުގެ ލިޔުން ޖޫންގައި ދޫކުރާނެ ކަން އިއުލާން ކުރައްވާފަ އެވެ.
އެކަމާ ގުޅިގެން މެދުހެންވޭރު ދާއިރާގެ މެންބަރު އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހީމްގެ ވެރިކަމުގެ ފަސްވަނަ އަހަރު ގުނަމުންދާއިރު، ކޮންމެ ރިޔާސީ ބަޔާނެއްގައި ތަކުރާރު ކުރާ ވާހަކައަކީ "މިއަހަރު ދޭނަން، މިއަހަރު ދޭނަން،" ކަމަށެވެ.
ގޯތީގެ އަދަދު ދެގުނަ ކޮށްލާފަ ލިޔުންތައް ހަވާލުކުރާނެކަން އިއުލާންކުރީ ދެން އިތުރު އަހަރެއް ރައީސް އިބްރާހީމަށް ނެތްކަން އެނގުމުން ކަމަށް އާޒިމް ވިދާޅުވި އެވެ.
"ރައްޔިތުންނަށް އޮޅުވާނުލާ. މަކަރާ ޖަހައިގެން ދުނިޔެ ކެވޭނީ ކޮންމެވެސް ވަރަކަށް،" އާޒިމް ވިދާޅުވި އެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް ވަނީ އަންނަ ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މާލެ ސަރަހައްދުން ދޭ ގޯތި އިތުރުކޮށް، ފްލެޓުތަކުގެ ލިޔުން ޖޫންގައި ދޫކުރާނެ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ސިއްހީ ދާއިރާގެ މަސައްކަތްތެރިންނާއި ޔުނިވާސިޓީ މުވައްޒަފުންގެ މުސާރަ ވެސް އަންނަ މެއި މަހުން ފެށިގެން އިތުރުވާނެ ކަމަށާއި ސަރުކާރުގެ ވުޒާރާތަކުގެ 35 ޕަސެންޓު އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް އެ އެލަވަންސް ވެސް ލިބެންފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔާތް ވެސް ޖޫން މަހު އިތުރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.