ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ދައުރުގެ ފަހު އަހަރުގެ ރިޔާސީ ބަޔާން މިއަދު އިއްވަވައިފިއެވެ. ސަރުކާރެއްގެ ފަހު އަހަރުގެ ރިޔާސީ ބަޔާނަކީ އާންމުކޮށް އެ ސަރުކާރުގެ ދައުރުގެ ތެރޭގައި ހާސިލުކުރެވުނު ކަންކަން ފާހަގަކޮށް އެކަންކަން ހިމަނައިގެން ގެންނަ ބަޔާނެކެވެ. ނަމަވެސް މިއަދު ރައީސް އިބްރާހީމު އިއްވެވި ރިޔާސީ ބަޔާނުގައި ކުރެވުނު ކަންކަމަށްވުރެ ގިނައިން ހުރީ ކުރަމުންދާ ކަންކަމާއި ކުރައްވާނެކަމަށް އަލަށް ވައުދުވެވަޑައިގެންނެވި ކަންކަމާއި، ކުރަން ފަށައި ނުނިމިހުރި ކަންކަމެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުން ހިންގަމުންދާކަމަށް ބުނާ ވަރަށް ގިނަ މަޝްރޫޢުތައް ފާހަގަކުރެއްވިއެވެ. ނަމަވެސް ނިމިފައިހުރި މަޝްރޫޢުތަކުގެ އަދަދަށްވުރެ ގިނައީ ކުރިއަށްދާ، ނިމެނީކަމަށް ސިފަކުރެއްވި މަޝްރޫޢުތަކެވެ.
އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުތަކުގައި 1،578 ކުލާސްރޫމާއި 85 މަލްޓިޕާޕޯސް ހޯލު އެޅުމުގެ މަސައްކަތް "އަންނަނީ ނިމެމުން"ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖޫނިއާ ކޮލެޖު، ޓިވެޓް ސެންޓަރު އަދި ޕޮލިޓެކްނިކް ސެންޓަރުތައް ޤާއިމުކުރުން ދަނީ ކުރިއަށްކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް އެއިން އެއްވެސް ތަނެއް ނިމިފައި ނެތްކަން ރައީސްގެ ރިޔާސީ ބަޔާނުން ފާހަގަވެއެވެ. އެގޮތުން އަލިފުށީ ޓިވެޓް ސެންޓަރާއި ހއ.ދިއްދޫ ޖޫނިއާ ކޮލެޖުގެ އަމަލީ މަސައްކަތް ހިނގަމުންދާކަމަށް ވިދާޅުވިއިރު، ތުލުސްދޫ ޕޮލިޓެކްނިކާއި، ކެނދިކުޅުދޫ ޖޫނިއާ ކޮލެޖު އަދި ކޮންޓްރެކްޓުކޮށް ހަވާލުކުރެވުނީއެވެ. ކުޅުދުއްފުއްޓާއި، ފުވައްމުލަކު ޓިވެޓް ސެންޓަރާއި، ނ.ވެލިދޫ ޖޫނިއާ ކޮލެޖުގެ މަސައްކަތް އަދި ހަވާލުވެސް ނުކުރެވެއެވެ.
އެއާޕޯޓުތަކުގެ މަޝްރޫޢަށް ބަލާއިރު ހޯރަފުށީ އެއާޕޯޓާއި ފަރެސްމާތޮޑާ އެއާޕޯޓު ފިޔަވައި އެންމެ އެއާޕޯޓެއްގެ މަސައްކަތް ނިމިފައި ނުވެއެވެ. މާފަރު އެއާޕޯޓު ބޮޑުކުރަން ފެށުނީއެވެ. ފ.މަގޫދޫ، މ.މުލީ އަދި އޮތީ "ނިމެނީ"ގައެވެ. އަލިފުށި އެއާޕޯޓާއި މަކުނުދޫ، ބިލަތްފަހި، ތުޅާދޫ އަދި ވިލިފުށީ އެއާޕޯޓުގެ މަސައްކަތް މި އަހަރު ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ފެށިފައިވާކަން ފާހަގަކުރައްވައި ރަންވޭގެ މަސައްކަތް އަހަރުގެ ފަހު ކުއާޓާއަށް ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އައްޑޫ ގަން އެއާޕޯޓުގެ މަސައްކަތް ފެބްރުއަރީގައި ހަވާލުކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގައި ތަރައްޤީކުރާ ބައިނަލްއަޤުވާމީ ކަނޑުގެ ބަނދަރާއި ތިލަމާލެ ބުރިޖު ފަދަ ހުރިހާ މަޝްރޫޢަކީވެސް އަދި ނުނިމި ނިމޭނެ ވަކި ތާރީޚެއް ރިޔާސީ ބަޔާނުގައި ނުދެއްވައި މަސައްކަތް ކުރިއަށްދާކަމަށް ރައީސް އިބްރާހީމު ފާހަގަކުރެއްވި ބައެއް މަޝްރޫޢެވެ.
އަތޮޅު ތެރޭގައި ސަރުކާރުން އަޅަން ހަވާލުކޮށްފައިވާ 2،200 ހައުސިން ޔުނިޓުގެ ތެރެއިން މި އަހަރު ތެރޭގައި ނިމޭނެކަމަށް ރައީސް ވިދާޅުވީ 556 ހައުސިން ޔުނިޓެވެ. ބާކީ ހުރި ހައުސިން ޔުނިޓުތައް ނުނިމޭނެއެވެ. މާލެ ސަރަހައްދުގައި މި ދައުރުގައި ފުލެޓުތައް ނިމެނޭކެމަަށް ވިދާޅުވި ނަމަވެސް ނިމޭނީ ކިހައި އަދަދެއްގެ ހައުސިން ޔުނިޓުކަމެއް ރައީސް ވިދާޅުނުވެއެވެ.
އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތައް "ނިމެނީ"ކަމަށް ވިދާޅުވުމުގެ އިތުރަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު އިތުރުވާނެ ބައެއް ވައުދުތައް ރައީސް ވެވަޑައިގަތެވެ. އެގޮތުން މާލެ ސަރަހައްދުން މާލޭ މީހުންނަށް އެކަނި ބަހާ ގޯތީގެ އަދަދު އިތުރުކުރައްވާނެކަން ރައީސްވަނީ އިއުލާނުކުރައްވާފައެވެ.
"މިއަދު ދަންނަވަން އޮތް އާ ވާހަކައަކީ ކުރިން ދޭނެކަމަށް ދެންނެވި އަދަދަށްވުރެ، މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު، އިތުރުކުރުމަށް އަޅުގަނޑު ނިންމި ވާހަކަ،" އިތުރަށް ބައްސަވަން ނިންމެވި ގޯތީގެ އަދަދު ހާމަނުކުރައްވައި ރައީސް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ ބިން ބެއްސެވުމުގެ އިތުރަށް އިންތިޚާބާ ދިމާކޮށް ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ނުދީ ހިފަހައްޓާފައި ހުރި އިނާޔަތްތައް ދެއްވާނެކަން ރައީސް އިއުލާނުކުރެއްވިއެވެ. އެގޮތުން މޭ މަހުން ފެށިގެން ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންގެ މުސާރަ ބޮޑުވާނެކަން އިއުލާނުކުރެއްވިއެވެ.
ލިބެންޖެހޭ 35 އިންސައްތަ އެލަވެންސް ނުލިބި ތިބި ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް 1 މޭއިން އެ އެލެވެންސް ދޭން ސަރުކާރުން ފަށާނެކަންވެސް ރައީސް އިއުލާނުކުރެއްވިއެވެ. މާޗު މަހުގައި ޔުނިވާސިޓީތަކުގެ މުވައްޒަފުންގެ މުސާރަވެސް ބޮޑުކުރައްވައި، މުޅި ސިވިލް ސާވިސްގެ މުސާރަތައް ބޮޑުކުރައްވަން ރައީސް އިިއުލާނުކުރެއްވިއެވެ.
އަދި ރިޔާސީ އިންތިޚާބަށް 3 މަހަށް ވުމުން ޖުލައި މަހުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވެންސް ބޮޑުކުރައްވާނެކަންވެސް ރައީސް އިބްރާހީމް އިއުލާނުކުރެއްވިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވުމާއެކު ފެށި ޓާޝިއަރީ ހޮސްޕިޓަލު އެޅުމުގެ މަސައްކަތުގެ ތެރެއިން އެއްވެސް މަސައްކަތެއް އެކީ ނިމުނުކަން ރައީސް އިބްރާހީމުގެ ތަޤުރީރުގައި ފާހަގަނުކުރައްވައެވެ. ނަމަވެސް ޓާޝިއަރީ ފެންވަރަށް ހޮސްޕިޓަލް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގެ ޞިއްޙީ ޚިދުމަތް މަރުކަޒުވެފައި އޮތުމުން ކުރިމަތިވާ ޒަމާންވީ ގޮންޖެހުންތައް ގިނަ. އެކަމުން އަރައިގަނެވޭނެ ދެމެހެއްޓެނެވި މަޝްރޫޢަކީ ސަަރަހައްދީ ޓާޝަރީ ހޮސްޕިޓާތައް. ކަރުދާހުގައި އޮންނަ ކުލަ ކުރެހުންތައް ދޫކޮށް، އަމަލީ މަސައްކަތުގައި މި މަޝްރޫޢު އެދަނީ ހިނގަމުން،" ރައީސް އިބްރާހީމް ވިދާޅުވިއެވެ.
ގެނެވުނު ބަދަލުތަކުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ހެޔޮ އަސަރުތަކެއް ކޮށްފައިވާކަން ފާހަގަކުރެއްވުމަށްފަހު ރައީސް ވިދާޅުވީ، ގދ.ތިނަދޫ، ލ.ގަން އަދި ރ.އުނގޫފާރު ހޮސްޕިޓަލު ޓާޝަރީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި 30 އެނދުގެ 12 ހޮސްޕިޓަލަކާއި 50 އެނެދުގެ 6 ހޮސްޕިޓާ އަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މި ހޮސްޕިޓާތަކުގެ މަސައްކަތް ކޮންޓްރެކްޓު ކުރެވުނީވެސް މި އަހަރުގައިކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަނުކުރައްވައެވެ.
ޓާޝިރީ ހޮސްޕިޓާގެ އިތުރަށް ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމުވެސް އަލުން ބިނާކޮށް އިއާދަކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ. 2019 ގައި އިއުލާނުކުރި އެ މަސައްކަތްވެސް އަދި ނިންމައިލެވިފައިނުވެއެވެ.
ރައީސް ޢަބްދުﷲ ޔާމީން 2018 ވަނަ އަހަރު ދެއްވި ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވީ ގިނައިން ނިމުނު ކަންކަމެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގެ 4 އަހަރުގެ ތެރޭގައި 35 އިންސައްތަ ކުށް މަދުކުރެވުނުކަމާއި، ހުޅުމާލޭ ދެވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިމާއި 9 ރަށެއްގައި 311 ހެކްޓަރުގެ ބިން ހިއްކައި ނިންމުނު ކަމެވެ. 4 އަހަރު ތެރޭ 20 ރަށުގެ ބޮޑުމިން ރާއްޖޭގެ ފަސްގަނޑަށް އިތުރުވި ކަމެވެ.
ހުރިހާ އަތޮޅެއްގައި އައިސްޕްލާންޓު ޤާއިމުކޮށް ނިންމައި، މަސްވެރިންނަށް "ވެސަލް ލޮކޭޓިން ޑިވައިސް ހިލޭ ދޭން ފެށިކަމާއި، މަސްވެރިކަމުގައި ހަރަކާތްތެރިވާ 58 ޒުވާނަކަށް ލޯނު ދޫކުރެވުނުކަން ފާހަގަކޮށްފައިވެއެވެ. އަދި ހުއިފިލަނޑާ އާލާކޮށް ބޮޑުކުރުމުގެ މަސައްކަތްކުރާ 115 ފަރާތަކަށް ލޯނު ދެވިފައިވާކަމަށް ވިދާޅުވިއެވެ.
2018 ވަނަ އަހަރު ހުރިހާ ސުކޫލެއް ވައިފައިކުރެވުނުކަމާއި ޓެބްލެޓު ދޭން ފެށުނުކަމާއި، ވާޗުއަލްކޮށް ކިޔަވައިދޭން ފަށައި ޓީޗަރުން ނެތް ސުކޫލުތަކުގެ ދަރިވަރުންނަށްވެސް ކިޔެވޭނެ އިންތިޒާމު ހަމަޖެއްސެވިކަން ފާހަގަކުރެއްވިއެވެ. މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ނިސްބަތް 19 އިންސައްތައިން 32 އިންސައްތައަށް މަތިކުރެވުނުކަންވެސް ފާހަގަކުރެއްވިއެވެ.
ކެންސަރު ބައްޔަށް ފަރުވާ ދޭން ހުޅުމާލޭގައި ފެށުމާއި، ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތުގެ މަސައްކަތް ނިމުމާއި، ރާއްޖޭގެ އެންމެ ބޮޑު 9 ރަށެއްގައި 45 ކިލޯ މީޓަރު މަގުހެދުމުގެ މަސައްކަތް ނިންމާފައިވާކަން އިއުލާނުކުރެއްވިއެވެ. 48 ރަށެއްގެ ބަނދަރު ނިންމާފައިވާކަން އިއުލާނުކުރެއްވިއެވެ. 21 ރަށެއްގެ ނަރުދަމާ އަދި 22 ރަށެއްގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ.
ކުޅުދުއްފުށި، ފުނަދޫ، މާފަރު އަދި މާވާރުލުގެ އެއާޕޯޓުގެ އަމަލީ މަސައްކަތް އެ އަހަރު ނިމޭނެކަން އިއުލާނުކުރެއްވިއެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފަހު ރިޔާސީ ބަޔާން އިއްވިއިރު އަމަލީ މަސައްކަތް ނިމުމަކާ ކައިރިއަށް ގޮސްފައި އޮތް ބުރިޖު މަޝްރޫޢުގެ ވާހަކައެއް ފާހަގަނުކުރައްވައެވެ. އެ ވާހަކަ ނުދެއްކެވީ އެ ބުރިޖު ނިމެމުންދާތަން އެންމެންނަށް ފެންނާތީކަމަށް ބެލެވެއެވެ.