ދީނާ ދެކޮޅު ފިކުރު ފެތުރުން ހުއްޓުވުމަށް ސަރުކާރަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިތުރުފުޅު ހައްދަވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވީ 2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބާއްވާ ޖަލްސާގައި އިއްވަވަމުން ގެންދަވާ ރިޔާސީ ބަޔާނުގައެވެ. އެ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބާއި ފަލާޙު ލިބެން އޮތީ އިސްލާމްދީނުގައި ކަމަށެވެ.
"އިސްލާމްދީނުގެ ސައްހަ އަގީދާއާއި، ރިވެތި އަޚުލާޤާ ނުލައި، ފުރިހަމަ ދިވެހި ޖީލެއް ބިނައެއް ނުކުރެވޭނެ،" ރައީސް އިބްރާހީމް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިސްލާމްދީނުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވުނުކަމަށް ރައީސް އިބްރާހީމް ވިދާޅުވިއެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ޙައްދަކީ ކޮންމެ ކޮޅަކަށްވެސް ފަހަނަ އެޅޭ އެއްޗެއްކަމަށާއި، ދީނުގެ ނަމުގައާއި، ދީނާ ދެކޮޅަށް ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
ރައީސް އިބްރާހީމް މިފަދައިން ވިދާޅުވެފައިވާއިރު ދީނުގެ ނަމުގައި ހައްދުފަހަނައަޅާ ކަމަށް ތުހުމަތުވާ މީހުން ހައްޔަރުކޮށް ބަންދުކުރާއިރު ފާޅުގައި އިސްލާމްދީނަށް ފުރައްސާރަކުރާ މީހުން މިނިވަންކަމާއެކު ދަނީ އެކަން ކުރަމުންނެވެ.
އަދި އަމިއްލަ ނަން ނޫން އެހެން ނަންތަކުގައި ދީނަށް ފުރައްސާރަކުރި މީހުން ފަޅާއަރައި އެމީހުންގެ މައުލޫމާތު ފުލުހުންނަށް ލިބުމުންވެސް އެމީހުންނާމެދު ފިޔަވަޅެއް ނޭޅެއެވެ. އެގޮތުން އުފާ ނަމަކަށް ކިޔާ އަންހެނަކު އިސްލާމްދީނަށް ފާޅުގައި ފުރައްސާރަކުރުމަށްފަހު ރާއްޖެއިން ފުރައިގެން ގޮސްފައިވެއެވެ.
ފާއިތުވި އަހަރު ކުރެދިކުރި ނަމުގައި ފޭކު ޓުވިޓާ އެކައުންޓެއް ހަދައިގެން އިސްލާމްދީނަށް ފުރައްސާރަކުރި ޝައިހާން ނަމަކަށް ކިޔާ ޒުވާނަކުވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހިމާޔަތުގައި ރާއްޖެއިން ފުރުވާލައިފައެވެ. ފުރައިގެން ދިއުމަށްފަހު އޭނާ ގެންދަނީ ތަކުރާރުކޮށް އިސްލާމްދީނަށް ފުރައްސާރަކުރަމުންނެވެ.