ކ. ތިލަފުށިން ސިނާއީ ބޭނުމަށް ބޭރު މީހުންނަށް 99 އަހަރަށް ބިން ކުއްޔަށް ދޭގޮތަށް ރައީސް އިބްރާހިމް މުހައްމަދުގެ ސަރުކާރުން ނިންމުމުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެކަމާ ގުޅޭގޮތުން އެމްއެންޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މާލެ ސަރަހައްދަކީ ބިމުގެ ގޮތުން ދަތި ސަރަހައްދަކަށް ވާއިރު، ހާއްސަކޮށް ސިނާއީ ބޭނުންތަކަށް ބިން ކަނޑައަޅާފައިވާ ސަރަހައްދަކުން، ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ބިން ދޭތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު، ތިލަފުށިން ބިން ވިއްކަން އެޗްޑީސީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން ދިވެހިންނަށް ބިން މިލްކުރެވޭނެ ކަމަށް އޮތްއިރު، ބީލަން ކާމިޔާބުކުރާ ފަރާތަކީ ބިދޭސީއެއް ނުވަތަ ބޭރު ކުންފުންޏެއް ނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރާނެ ކަމަށެވެ.
އެޗްޑީސީން ބުނެފައިވަނީ ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ތިލަފުށިން ބިން ވިއްކާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ ވިއްކާނީ ތިލަފުށި "ޒޯން އޭ" ގައިވާ ބިންތަކެއް ކަމަށެވެ. އެ ބިންތައް ދެނީ ތިލަފުށިން އެންމެފަހުން ހިއްކި ސަރަހައްދުން ކަމަށާއި، ނަމަވެސް ވިއްކަނީ ސީދާ ކިތައް ބިން ކަމެއް އެޗްޑީސީން ނުބުނެ އެވެ.
ތިލަފުށިން ބިން ވިއްކާ އުސޫލެއް ކަމަށް އެޗްޑީސީން ބުނެފައިވަނީ:
އެމްއެންޕީގެ ބަޔާނުގައި ބުނެފައިވަނީ އެ ނިންމުމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ މީހުންނަށް ބިދޭސީންނާ ވާދަކޮށްގެން ބިން ހޯދުމުގެ ވާދަވެރިކަމަކަށް ވަންނަން ޖެހުމަކީ އެ ވިޔަފާރިތަކަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ.
ރާއްޖޭގެ އެތެރޭގެ އަދި ބޭރުގެ ސިޔާސަތުތަކަކީ، ދިވެހިންނަށް އިސްކަންދޭ އަދި ދިވެހިންގެ ހައްގުތައް ހިމާޔަތްކުރެވޭ ގޮތަކަށް އޮންނަ "އެންމެ ފުރަތަމަ ދިވެހިން" ގެ ސިޔާސަތުތަކަށް ވާން ޖެހޭނެ ކަމަށް ވެސް އެމްއެންޕީގެ ބަޔާނުގައިވެއެވެ.
"އެހެން ކަމުން، ތިލަފުށީގެ ސިނާއީ ސަރަހައްދުން ބޭރު މީހުންނަށް ބިން ވިއްކުމަށް ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ދިވެހި ސަރުކާރަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފަރާތުން ގޮވާލަމެވެ،" އެ ޕާޓީން ބުންޏެވެ.
ބޭރު މީހުންނަށް 99 އަހަރަށް ބިން ކުއްޔަށް ދޭން މި ސަރުކާރުން ނިންމާފައިވާއިރު، ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ސައުދީގެ ޝާހީ އާއިލާ އަކަށް ފާފު އަތޮޅު ތަރައްގީ ކުރާ ގޮތަށް ދިގު މުއްދަތަށް ކުއްޔަށް ދޭން އުޅުމުން އެކަން ހުއްޓުވާފައިވަނީ މިހާރު ވެރިކަން ކުރާ ޕާޓީ އެމްޑީޕީއިންނެވެ.