މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އުފެއްދެވި ރިޔާސީ ކޮމިޝަނަށް ފާއިތުވި 4 އަހަރު ބޮޑު ހޭދައެއް ކޮށްފައިވާކަން ހާމަވެއްޖެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް"އިން އެދިގެން ރައީސް އޮފީހުންވަނީ މަރު ކޮމިޝަނަށް ހިނގާފައިވާ ޚަރަދުތަކުގެ ތަފުސީލު ހިއްސާކޮށްފައެވެ. އެ ހިސާބުތަކަށް ބަލާއިރު އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ކޮމިޝަނުގެ މެންބަރުންގެ އަލަވެންސަށެވެ.
އެގޮތުން 2019 ވަނަ އަހަރު 2 މިލިއަން ރުފިޔާ އަދި 2020 ވަނަ އަހަރު 1.1 މިލިއަން، 2021 ގައި 1.2 މިލިއަން އަދި 2022 ވަނަ އަހަރުގައި 1.2 މިލިއަން މެންބަރުންގެ އެލަވެންސަށް ޚަރަދުކޮށްފައިވެއެވެ. އެއީ ޖުމްލަ 5.9 މިލިއަން ރުފިޔާއެވެ.
އެ ކޮމިޝަނުގެ މަސައްކަތަށް ދޫކޮށްފައި ތިބި މުވައްޒަފުންނަށް ފާއިތުވި ހަތަރު އަހަރު 413،841.61 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ރާއްޖޭގެ އެތެރޭގެ ކަނޑު ދަތުރުތަކަށް 260،914.85 ރުފިޔާ އަދި އެތެރޭގެ ވައިގެ ދަތުރުތަކަށް 215،304.21 ރުފިޔާ ހޭދަކުރިއެވެ.
ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް 214،700 ރުފިޔާ ޚަރަދުކުރިއެވެ. ޓެލެފޯނު ޚަރަދަށް އެކަނި 245،085.38 ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި އައިޓީއާ ގުޅޭ ހާޑުވެއާ ހޯދުމަށް 175،900 ރުފިޔާ ޚަރަދުކުރިއެވެ.
ކޮމިޝަނުގެ ޚަރަދުތަކަށް ބަލާއިރު ކޮންމެ އަހަރަކުވެސް އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ އެލަވެންސަށެވެ. ޖުމްލަ ފާއިތުވި ހަތަރު އަހަރު ކޮމިޝަނަށް ޚަރަދުވެފައިވަނީ 7،761،308.72 ރުފިޔާއެވެ. އެހެންކަމުން ފާއިތުވި ހަތަރު އަހަރުތެރޭ މަރު ކޮމިޝަނަށް ކުރި ޚަރަދުގެ ޖުމްލަ %76.6 އަކީ ސީދާ ކޮމިޝަނުގެ މެންބަރުންގެ މުސާރައަށް ހޭދަވި ފައިސާއެވެ.