ރާއްޖެ އިސްލާމް ވުމުގެ ކުރިން ދިވެހިން އަޅުކަންކޮށް އުޅުނު ބުދެއް ލ. ގަމުން ފެނިއްޖެއެވެ.
ހެރިޓޭޖް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ބުދު ފެނުނީ އިއްޔެއެވެ.
މިނިސްޓްރީން އާއްމުކޮށްފައިވާ ފޮޓޯތަކުން އެނގޭގޮތުގައި އެ ބުދުގެ ފުޅާމިނަކީ ގާތްގަނޑަކަށް 7 އިންޗިއެވެ.
ގަމުން ބުދެއް ފެނިފައިވާކަން ހެރިޓޭޖް މިނިސްޓްރީން ހާމަކޮށްފައިވާއިރު ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު ވަނީ، ދިވެހިން ބުދަށް އަޅުކަން ކުރި ޒަމާނުގެ އާސާރުތައް ހިމާޔަތްކުރަން މެމޮރެންޑަމް އޮފް އަންޑަރސްޓޭޑިންއެއްގައި ސޮއިކޮށްފައެވެ.
ބުދު ދީނުގެ އާސާރުތައް ހިމާޔަތްކުރަން އިންޑިއާ އިން ފައިސާ ދިނުމަށް ނިންމާފައިވާއިރު މީގެ ކުރިން އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ވަނީ ދިވެހިރާއްޖެއަކީ ވެސް ކުރީ ޒަމާނުގައި އިންޑިއާގެ ބައެއް ކަމަށް ބުނެފައެވެ. އަދި އެކަމުގެ ހެއްކަކީ ދިވެހިންގެ ތެރޭގައި ބުދު ދީން އޮތުން ކަމަށް އޭނާ ބުނެފައިވެއެވެ.
އިންޑިއާއިން ރާއްޖޭގައި ބުދު ދީނުގެ އާސާރުތައް ހިމާޔަތް ކުރަން ފައިސާ ދޭއިރު އިންޑިއާއިން ދަނީ އެ ޤައުމުގައި ދިރިއުޅޭ މުސްލިމުންނަށް ނިޒާމީ ގޮތެއްގައި ރޭވިގެން އަނިޔާ ދެމުންނެވެ. މިގޮތުން މުސްލިމް ވިޔަފާރިތައް ބުލްޑޯޒަރު ބޭނުންކޮށްގެން ބިމާއި ހަމަކުރުމާއި މިސްކިތްތަކުގެ ހުރުމަތްކެނޑުން ފަދަ އެތައް ކަމެއް އިންޑިއާގައި ވަނީ އާންމުވެފައެވެ.