Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗައިނާ

ލަންކާގެ ދަރަނި އަދާކުރުން ޗައިނާއިން ފަސްކޮށްދީފި

އިޤުތިޞާދީ ފުން ކާރިސާއެއްގެ ތެރެއަށް ވެއްޓިފައިވާ ލަންކާއަށް އެ ޤައުމުގެ ދަރަނި އަދާކުރުން ފަސްކޮށްދޭން ނިންމާފައިވާކަން ހުކުރުދުވަހު ޗައިނާއިން އިއުލާނުކޮށްފިއެވެ.

ޗައިނާގެ ޚާރިޖީވުޒާރާގެ ތަރުޖަމާން މާއޯ ނިން ވިދާޅުވެފައިވަނީ އެ ޤައުމުގެ އެކްސްޕޯޓް-އިމްޕޯޓު ބޭން (އެގްޒިމް) އިން ޗައިނާއިން ދީފައިވާ ލޯނުތަކަށް ލުއި ދިނުމާ ގުޅޭ ލިޔުން އެ ބޭންކުން ލަންކާ ސަރުކާރަށް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ލަންކާއިން ދައްކަންޖެހޭ އެ ބޭންކުގެ ދަރަނި އަދާކުރުން ފަސްކޮށްދޭން އެގްޒިމް ބޭންކުން ނިންމާފައިވާ ކަމަށާއި، އެ މުއްދަތުގައި ދައްކަންޖެހޭ ލޯނުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓުވެސް އަދާކުރަން ނުޖެހޭނެކަމަށް ނިން ވިދާޅުވިއެވެ.

ޗައިނާއިން ދިން މި ލުއީގެ ބޭނުމަކީ ލަންކާއަށް ކުރިމަތިވެފައިވާ ދަރަނި އަދާކުރުމުގެ ފިއްތުންތައް ކުޑަކޮށްދީ އިޤުތިޞާދު ހަމައަކަށް އެޅުވުމުގައި ލަންކާއަށް އެހީތެރިވުންކަމަށް ޗައިނާ އެގްޒިމް ބޭންކުން ބުނެފައިވެއެވެ.

އަދި މި ލުއި ދީފައިވާ މުއްދަތުގައި ކުރު މުއްދަތުގައި އަދި މެދުރާސްތާގައި ލަންކާއިން އަދާކުރަންޖެހިފައި ހުރި ދަރަންޏާމެދު އަމަލުކުރާނެ ގޮތްތަކާ ގުޅޭ ގޮތުން އެގްޒިމް ބޭންކުން ލަންކާއާ މަޝްވަރާކުރާނެކަމަށްވެސް ނިން ވިދާޅުވިއެވެ. އަދި ލަންކާގެ އިޤުތިޞާދު ހަމައަށް އެޅުވުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލޯނު ހޯދުމުގައި ލަންކާއަށް އެހީތެރިވާނެކަމުގެ ޔަގީންކަން ޗައިނާއިން ދިނެވެ.

ނަންވަނީ ވިޔަފާރި އުސޫލުން ލަންކާއަށް ލޯނު ދީފައިވާ ފަރާތްތަކާއި ލަންކާއިން އިޝޫކުރި ބޮންޑުތައް ގަނެފައިވާ ފަރާތްތަކުންވެސް އެ ޤައުމުގެ ދަރަނީގެ ހާލަތަށް ލުއިވާނެ ސިޔާސަތުތަކެއް ތަންފީޒުކުރުމަށް ގޮވާލައްވާފައެވެ.

"ލަންކާއަށް ދަރަންޏަށް ފައިސާ ދިން ހުރިހާ ފަރާތްތަކަށް ޚާއްޞަކޮށް ގިނަ ދައުލަތް ބައިވެރިވާ މުއައްސަސާތަކަށް މި ގޮވައިލަނީ ޗައިނާއިން މި އެޅި ފަދަ ފިޔަވަޅުތަކެއް އަޅައި، ބަނގުރޫޓުވެފައި އޮތުމުގެ ހާލަތުން ވީހާވެސް އަވަހަށް އަރައިގަތުމަށް ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް،" ނިން ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ ލަންކާގެ އިޤުތިޞާދީ ހާލަތު ރަނގަޅުކުރުމަށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި ވަކިވަކި ޤައުމުތަކާ ގުޅިގެން ޗައިނާއިން މަސައްކަތްކުރާނެ ކަމަށެވެ. އަދި އުންމީދަކީ ވީހާވެސް އަވަހަކަށް ލަންކާގެ އިޤުތިޞާދު އާންމު ހާލަތަށް ގެނެވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ