އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އޮތީ އެއް ވިސްނުމެއްގައި ކަމަށާއި އެ ވިސްނުމަކީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުންކަމަށް އެ ޕާޓީގެ ނައިބުރައީސް މުޙައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމިނުގެ މައްޗަށް ކުރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ނިމުނު އަހަރުގެ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގައެވެ. އެ ހުކުމް އިއްވާފައިވަނީ ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައެވެ.
އެ ހުކުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ ރައީސް ޔާމީނުގެ މައްޗަށް އެ މައްސަލާގައި އިއްވި ހުކުމަކީ ކޯޓުތަކަށް ސަރުކާރުން ނުފޫޒު ފޯރުވައިގެން އިއްވި ހުކުމެއް ކަމަށެވެ. އެ ހުކުމަކީ "ހަރާމް ހުކުމެއް"ކަމަށް ބުނެ ކޮންމެ ރެޔަކު އިދިކޮޅު ކޯލިޝަނުން އަންނަނީ މާލޭގައި ސިލްސިލާ އިހުތިޖާޖުތައް ކުރަމުންނެވެ.
ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އިދިކޮޅުން ބުނަމުން އަންނަނީ އެ ކޯލިޝަނުގެ ރިޔާސީ ކެނޑިޑޭޓަކީ އެމަނިކުފާނު ކަމަށެވެ. އަދި އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެއްވޭނެކަން ކަށަވަރުކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ނިމުނު ބުރާސްފަތި ދުވަހުން ފެށިގެން އިދިކޮޅުން އަންނަނީ ޚާއްޞަ ކޮންފަރެންސެއް މާލޭގައި ކުރިއަށްގެންދަމުންނެވެ. ހާހަކަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ ކޮންފަރެންސް ނިންމާ ޖަލްސާ އޮންނާނީ މިރޭ އާޓިފިޝަލް ބީޗުގައެވެ.
ޕީޕީއެމްގެ ތެރޭގައި ޚިޔާލުތަފާތުވުންތަކާއި ވާދަވެރިކަން އުފެދިފައިވާކަމުގެ ވާހަކަތައް ވަރަށް ބޮޑަށް ދެކެވެމުންދާ ދަނޑިވަޅެއްގަ ކުރެއްވި ޓުވީޓެއްގައި ޣައްސާން ވިދާޅުވީ، ޕީޕީއެމް އޮތީ އެއް ޚިޔާލެއްގައި، އެއް ފިކުރެއްގައި، އެއް ވިސްނުމެއްގައި އެއް ރޫޙެއްގައި އަދި އެއް ކަމެއް ހާސިލުކުރުމުގެ ޢަޒުމެއްގައި ކަމަށެވެ.
ޕީޕީއެމްގެ ވިސްނުމަކީ އަދި އެ ޕާޓީން ހާސިލުކުރަން ބޭނުންވާ ކަމަކީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން ޖަލުން މިނިވަންކޮށް އެމަނިކުފާނަށް މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދީ ވެރިކަމަށް ގެނައުންކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފުކުރުމުގެ މަސައްކަތް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ކުރަމުން އަންނައިރު، އެ ބޭފުޅުން އުންމީދުކުރައްވާ ގޮތުގައި މާޗު މަހުގެ ނިޔަލަށް އެމަނިކުފާނު މިނިވަންވެވަޑައިގަންނަވާނެއެވެ.