ނޯވޭގައި ހިންގަން އުޅުނު އެ ހަރަކާތް މަނާކުރެވި، އެކަން ހިނގުމުގެ ކުރިން ހުއްޓުވިފާވީ ނަމަވެސް، މިފަހުން ޑެންމާކް އަދި ސްވީޑެންގައި ވަނީ އެފަދަ ނުބައި އަމަލުތަކެއް ހިންގާފައެވެ. ހަރުކަށި ސިޔާސަތުގެ ޕާޓީއެއް ކަމަށްވާ ސްޓްރާމް ކާސްގެ އިސް ވެރިޔާ ރަސްމުން ޕަލާޑުން އިސްކޮށް ހުރެގެން ހިންގާފައިވާ އެ ހަރަކާތްތަކުގެ ސަބަބުން ގިނަ މުސްލިމް ގައުމުތަކަކުންވަނީ އެ އަމަލު ހަރުކަށީ އިބާރާތުން ކޮށްވެރިކޮށްފައެވެ. އަދި އެ ގައުމުތަކުގެ ސަރުކާރުތަކަށް އަމާޒުކޮށް ފާޑުކިޔާ، ޕަލާޑުންއާއި އޭނާގެ ބައިވެރިންނަށް ހައްގު އަދަބު ދިނުމަށް ގޮވާލިއެވެ.
ނޯވޭގައި އިސްލާމް ދީނަކީ ދެވަނައަށް އެންމެ ގިނަ މީހުން ތަބާވާ ދީނެވެ. ސްޓެޓިސްޓިކްސް ނޯވޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2019 ގައިވަނީ 175،507 މުސްލިމުން ނޯވޭގައި ދިރުއުޅޭކަމަށް ރިކޯޑް ކޮށްފައެވެ.
ޝުއޫރު ފާޅުކުރުމުގެ މިނިވަންކަމަކީ ނޯވޭގައި ވަރަށް މުހިންމުކަންދޭ އުސޫލެކެވެ. ނޯވޭގެ އާބާދީގެ ގިނަ ބަޔެއްގެ މެދުގައި މަގުބޫލް އެ އުސޫލުގެ ދަށުން 2020 ގައި ކުރީގެ އެގައުމުގެ ބޮޑޫ ވަޒީރު އެމާ ސޯލްބާގްވަނީ، ގުރުއާން ހަލާކުކޮށްލުމުގައި ހަރަކާތްތެރިވި ގިނަ ބައެއްގެ ދިފާއުގައި ނިކުމެ، އެ މީހުން ބޭނުންވާ ހިޔާލެއް ފާޅުކުރުމުގެ މިނިވަންކަން އެމީހުންނަށް އޮތްކަމަށް ގޮވާލާފައެވެ.
2020 ގައި، ސްޓޮޕް އިސްލާމިޒޭޝަން އޮފް ނޯވޭ (އެސްއައިއޭއެން) ޖަމާއަތުންވަނީ، ބޮޑެތި ހަރަކާތްތަކެއް ބާއްވާފައެވެ. އެ ހަރަކާތްތަކުގައި އެއް ބައިވެރިއެއްވަނީ ގުރުއާނުގެ ގަނޑުތައް ވީދާލާ، ކުޅު ޖަހާފައެވެ.