އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިގްތިސާދީ ސިޔާސަތާ ވާދަކުރެވޭނެ ފަރާތެއް ރާއްޖޭގައި ނެތްކަމަށް އެމަނިކުފާނުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް، އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ "ހޯޕް ކޮންފަރެންސް" ގެ ރޭގެ ސެޝަންގައި ޕީއެންސީގެ ނައިބު ރައީސް ސައީދު ވަނީ ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތާއި އޭގެ ސަބަބުން ކުރި އިޖްތިމާއީ އަސަރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
"ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތު ކިޔައިދޭން ވަރަށް ބިރުގަނޭ. ސަބަބަކީ މި ރާއްޖޭގައި އެމަނިކުފާނުގެ އިގްތިސާދީ ސިޔާސަތަށް ޗެލެންޖު ކުރެވޭނެ ފަރާތެއް ހުރިކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ވާހަކަ ފަށަމުން ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ތަފާތުވާ، އަދި އެމަނިކުފާނު އަލުން މި ގައުމަށް ބޭނުންވާ އެއް ސަބަބަކީ އެމަނިކުފާނުގެ ވެރިކަމުގައި ކުރީ ސަރުކާރުތަކުގެ ދަރނި ކެނޑުމަށްފަހު މުޅި ގައުމުގެ ދަރަނި 22.6 ބިލިއަނަށް ތިރިކޮށްދެއްވާފައި ވާތީ އެވެ.
ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މި ސަރުކާރުން އާމްދަނީ ނުލިބޭ ކަންކަމަށް އިންވެސްޓުކޮށް، މިހާރު ރާއްޖޭގެ ދަރަނި 114 ބިލިއަން ރުފިޔާއަށް އަރުވާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
ހޯޕް ކޮންފަރެންސްގެ ތެރެއިން މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް ސައީދު-- ފޮޓޯ/ ދިޔަރެސް
ރައީސް ޔާމީން 2013 ވަނަ އަހަރު ވެރިކަމާ ހަވާލުވީ ސައީދު ވިދާޅުވި ގޮތުގައި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ކުރިމަތިލައި އެކަންކަން ހައްލު ކުރުމަށެވެ.
"ރާއްޖޭގެ އާބާދީއާއި ޒުވާނުންގެ އަދަދު ދިޔައީ ވަރަށް ބޮޑަށް އިތުރުވަމުން. ރާއްޖޭގައި އިތުރުވަމުންދިޔަ އާބާދީއަށް އާ ޒަމާނެއް ފައިނޭންޝަލީ، އިގްތިސާދީ ގޮތުން ނުގެނެވިއްޖެ ކަމަށްވެއްޖިއްޔާ އޮޔާދާ ގައުމަކަށް މިގައުމު ވުމުގެ ބިރު އޮތަތީވެ، ރައީސް ޔާމީންގެ 2013 އިން 2018 އަށް އާދަޔާ ހިލާފު މަސައްކަތްތަކެއް އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގަތީ،" ސައީދު ވިދާޅުވި އެވެ.
އެގޮތުން ފާހަގަކޮށްލެވޭ ބައެއް އިގްތިސާދީ ސިޔާސަތުތައް ސައީދު ވިދާޅުވެދެއްވި އެވެ. އޭގެ ތެރޭގައި މަޝްރޫއުތަކަށް ފައިސާ ހޯއްދެވި ގޮތާއި، މިނިވަން ބާޒާރުގެ ތެރެއިން ރާއްޖެއަށް ފްރީ ޓްރޭޑް ކުރެވޭނެ ފުރުސަތުތައް ފަހިކޮށްދިނުން ހިމެނެ އެވެ.
އަދި ބައިނަލްއަގުވާމީ ބޭންކިންގެ ހިދުމަތްތަކާއި، ގާނޫނީ އޮނިގަނޑަށް ބަދަލު ގެނައުމާއި، ދިވެހި ވިޔަފާރިއަށް ފަހި ސިޔާސަތުއް އެކުލަވާލައި، ޑޮލަރުގެ ބާޒާރު މެނޭޖުކުރުން، ބައިނަލްއަގުވާމީ ރޭޓިން ހިފެހެއްޓެވިކަން ފާހަގަލުރެއްވި އެވެ.
"ދާދި ފަހުން ރައީސް ޔާމީން ވިދާޅުވި، ސައުދީ ޔޫއޭއީ ފަދަ އަރަބި ޖީސީސީ ގައުމުތަކާ ޗައިނާއާ އެފްރިކާއާ މި ޒޯންގައި ފްރީ ޓްރޭޑް ކޮރިޑޯއެއް ތިމަން މަނިކުފާނުގެ ދެވަނަ ދައުރެއް ލިބިއްޖެ ކަމަށް ވަންޏާ އެސްޓަބްލިޝް ކުރައްވާނެ ވާހަކަ. އެހެން ވެއްޖެ ކަމަށްވަންޏާ ހަތަރު ގުނަ ފަސް ގުނަ އާމްދަނީ އިތުރުވެގެންދާނެ ފުރުސަތުތައް އެ ފަހިވަނީ،" ސައީދު ވިދާޅުވި އެވެ.