ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޒައާމަތުގައި ހުޅުމާލޭގަ ހެދި، ހުޅުމާލެ ދެވަނަ ފޭސްގައި އެމަނިކުފާނު ބިނާކުރަން ފެއްޓެވި ވިނަރެސް ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އާންމުކުރި ދާއިމީ ލިސްޓުގައި، މާލޭގައި ރަޖިސްޓްރީނުވެ، ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީއިން 1094 މީހަކު ޝަރުތު ހަމަވެއެވެ. އަދި މާލޭގައި ރަޖިސްޓްރީ ވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން 267 މީހަކު ޝަރުތު ހަމަވެ އެވެ. ނަމަވެސް މީގެ ކުރިން ނެރުނު ވަގުތީ ލިސްޓުގައި ޝަރުތު ހަމަވީ 723 ފަރާތެކެވެ. ބައެއް ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވާތީއެވެ.
މި ފްލެޓްތައް ލިބޭ މީހުންގެ ވަގުތީ ލިސްޓް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އާންމު ކުރުމަށް ފަހު އެ ލިސްޓަށް ޝަކުވާ ހުށަހަޅަން އޮތީ ހުޅުވާލައިފަ އެވެ.
އެޗްޑީސީން ބުނިގޮތުގައި ދެން އޮންނާނީ ފްލެޓަށް ޝަރުތު ހަމަވި ފަރާތްތަކުގެ މާލީ ގާބިލްކަން ބެލުމުގެ މަރުހަލާ އެވެ. އެ މަރުހަލާ ނިމުމުން ބުކިން ފީ ނެގުމާއި ބޭނުންވާ ފްލެޓް އިހްތިޔާރު ކުރުމުގެ ފުރުސަތަށް ހުޅުވާލާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ ފްލެޓަށް އެއްކޮށް ފައިސާ ދައްކާ ގޮތަށް ހުށަހަޅާފައިވާ ފަރާތްތަކާއި ލޯނު މެދުވެރިކޮށް ފައިސާ ދައްކާ ގޮތަށް ފްލެޓަށް ހުށަހަޅާފައިވާ ފަރާތްތަކުގެ މާލީ ގާބިލްކަން ވެސް ތިން ވަނަ ފަރާތެއް މެދުވެރިކޮށް ބެލުމަށް، އެކަމާބެހޭ މައުލޫމާތު ދޭން ގުޅާނެ ކަމަށެވެ.