މީހަކަށް ވަޅިން ހަމަލާދިން ދެ މީހަކު 10 އަހަރަށް ޖަލަށް ލާން ކްރިމިިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
މާލޭގެ އޮލިމްޕަސް ކައިރިން 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޒުވާނަކަށް ހަމަލާދިން މައްސަލާގައި ކުށް ސާބިތުވެފައިވަނީ ގދ. ފަރެސްމާތޮޑާ، މާތޮޑާ އަވަށް، މަންޒިލް މުހައްމަދު ނިޝާހު އާއި ހ. ރޯޒަންޑޭލް، ޝައިބާން ޒުފްރަތު އިސްމާއިލްގެ މައްޗަށެވެ. އެ ހަމަލާގައި އެމީހާގެ މެޔަށާއި، ކަރަށް އަދި ބުރަކަށްޓަށް ވެސް ވަނީ ހަމަލާދީ ޒަހަމްކޮށްލާފަ އެވެ.
އެ ދެ މީހުން ވަނީ ދައުލަތުން ކުރި އެ ދައުވާ އަށް އިންކާރުކޮށްފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ބުނެފައިވަނީ ދައުވާއަށް އެދެމީހުން އިންކާރު ކުރިޔަސް، އެ ދެ މީހުން ހަމަލާދިން މަންޒަރު ފެނުނު ކަމަށް އެއް ހެއްކަކު ބުނާއިރު ދެން ތިބި ހެކިންގެ ހެކިބަހުން އެ ހެކިބަހަށް ބާރު ލިބޭ ކަމަށެވެ.
އަދި "ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓު" ގައި ވެސް، ވީޑިއޯތަކުން ފެންނަ މީހުންނާއި ދައުވާލިބޭ މީހުންގެ ސިފަތައް އެއްގޮތްވާ ކަންތައްތަކެއް ހުރި ކަމަށް ފާހަގަ ކޮށްފައިވާތީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމީ ކަމަށް ކްރިމިނަލް ކޯޓުން ކުރި އެ ހުކުމުގައިވެ އެވެ.
ތޫނު އެއްޗެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ އަދަބެއްގެ ގޮތުން އެ ދެ މީހުން 10 އަހަރަށް ޖަލަށްލާން ފަނޑިޔާރު ވަނީ ނިންމަވައިފައެވެ. ފުލުހުންގެ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ދެން އެ މީހުން ތަންފީޒު ކުރަން ޖެހޭނީ ފަސް އަހަރާއި އަށް މަހެވެ.
ރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން މަގްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމަކީ ގާނޫނީ ކުށެކެވެ. އެހެންކަމުން އެ ކުށުގައި ވެސް އިތުރު ހަ މަހުގެ ޖަލު ހުކުމެއް އެ ދެ މީހުންނަށް ވަނީ އިއްވައިފަ އެވެ.