މި އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ދަރުބާރުގޭގައި ބާއްވަމުންދާ "ހޯޕް ކޮންފަރެންސް"ގެ ފުރަތަމަ ސެޝަނުގައި ޕީޕީއެމްގެ ނައިބުރައީސް އަދި ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ޣައްސާން މައުމޫނާއި ޕީޕީއެމްގެ ނައިބުރައީސް އަދި މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެދެއްވީ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހަލުއިކަމާއެކު ތަރައްޤީ ގެނެވުނު ސަބަބެވެ.
ރައީސް އޮފީހުގެ ސްޓޭޓު މިނިސްޓަރެއްގެ މަޤާމުގައި ރައީސް ޔާމީނުގެ ވެރިކަމުގައި ހުންނެވި ޣައްސާން މައުމޫނު ވިދާޅުވި ގޮތުގައި އެއިރު ހަލުއިކަމާއެކު ތަރައްޤީގެ މަޝްރޫޢުތައް ނިންމައިލެވުނު މައިގަނޑު ސަބަބަކީ ވެރިކަމުގައި ރައީސް ޔާމީން ހުންނެވުމެވެ. ވެރިކަމުގައި ރައީސް ޔާމީން ހުންނެވުމުން ކަންކަން އަވަހަށް ނިމުނު ސަބަބުތައް ޣައްސާން ވިދާޅުވެދެއްވިއެވެ. "ރައީސް ޔާމީނަކީ އިޤުތިޞާދީ ދާއިރާއިން ކިޔަވާވިދާޅުވެގެން ހުންނެވި ބޭފުޅެއް. 1978 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން މަސައްކަތްކުރެއްވީ ދިވެހި ސަރުކާރުގައި. އެންމެ އާދައިގެ ލެވެލްގެ ވަޒީފާއިން ފެށިގެން މައްޗަށް ވަޑައިގަންނަވަމުން 2013 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ. ސަރުކާރުގެ ތެރެއިން ކަންކަން ނުކުރެވޭ ސަބަބުތަކާއި ހުންނަ ދަތިތައް ވަރަށް ރަނގަޅަށް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ. ޤާނޫނު ހަދާ މަޖިލީހުގައި ގިނަ ދުވަހު މަސައްކަތްކުރެއްވުމުން ރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން ކަންކަން ފަސޭހައިން ކުރެވޭނެ ގޮތްތައްވެސް އެނގިވަޑައިގަންނަވާ،" ޣައްސާން ވިދާޅުވިއެވެ.
ރައީސް ޔާމީން ޓީމު ކެޕްޓަނަކަށް ހުންނަވައިގެން މަސައްކަތްކުރަން މީހުން ފޮނުއްވީ ކަންކުރައްވަންވީ ގޮތް އެނގިވަޑައިގެން ހުންނަވައިކަން ޣައްސާން ފާހަގަކުރެއްވިއެވެ. ޣައްސާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރައީސް ޔާމީނުގެ ވެރިކަމުގައި އަވަހަށް ތަރައްޤީގެ މަޝްރޫޢުތައް ނިމިގެންދިޔަ އަނެއް ސަބަބަކީ އެމަނިކުފާނުގެ މަސައްކަތު އަޚުލާޤެވެ. "ރައީސް ޔާމީނަކީ ވަރަށް މުރާލި ބޭފުޅެއް. އަޅުގަނޑަކީ ރައީސާއެކު މަސައްކަތްކުރި މީހެއް. ރައީސް ޔާމީން އޮފީހަށް ވަޑައިގަންނަވާނެ ކޮންމެ ދުވަހަކު 8:30 ވުމުގެ ކުރިން. އޭގެ މާނައަކީ 8 ޖަހާއިރު ގޮސް ރައީސް ވަޑައިގަތުމުގެ ކުރިން ބައެއް މަސައްކަތް ނިންމަންޖެހޭނެއޭ،" ޣައްސާން ވިދާޅުވިއެވެ.
ރައީސް ޔާމީނު މަސައްކަތްކުރައްވާ ގޮތް ވިދާޅުވެދެއްވުމުގެ ގޮތުން ޣައްސާން ވިދާޅުވެދެއްވީ ރައީސް ޔާމީނުގެ މަސައްކަތު އެއް ދުވަސް ކުރިއަށްދާ ގޮތެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން 8:30 ގައި އޮފީހަށް ވަޑައިގަންނަވަންވާއިރަށް މަސައްކަތްކުރާ ހުރިހާ ޑިޕާޓުމެންޓަކުން ރައީސްގެ މޭޒުކޮޅަށް ފޮނުވަން ނޯޓުތަކެއް ތައްޔާރުކުރަންޖެހޭނެކަމަށް ޣައްސާން ވިދާޅުވިއެވެ. ރައީސްގެ މޭޒުކޮޅު މައްޗަށް 8:30 ގައި އަދި 10:30 ގައި ނޯޓު ފޮނުވޭނެ ކަމަށާއި، 10:30 ގައި ނޯޓު ފޮނުވާއިރު، 8:30 ގައި ފޮނުވި ނޯޓުތަކުގެ ޖަވާބު ރައީސް ޔާމީނުގެ އަތްޕުޅުން ލިޔުއްވައި ފޮނުއްވާނެކަމަށް ޣައްސާން ވިދާޅުވިއެވެ. އަދި 1:30 ގައި އަނެއްކާވެސް ރައީސް ޔާމީނުގެ މޭޒުކޮޅަށް އިތުރު ނޯޓުތަކެއް ފޮނުވޭނެކަމަށާއި އެނޯޓުތައް ފޮނުވާއިރަށް 10:30 ގައި ފޮނުވި ނޯޓުތަކަށް ޖަވާބުދެއްވައި ލިޔުއްވާފައި ބަހައްޓަވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި 1:00 ޖަހާއިރު ފޮނުވާ ނޯޓުތަކަށް އޮފީހުން ނިކުމެވަޑައިގަތުމުގެ ކުރިން ޖަވާބުދެއްވާކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.
"[ރައީސް ޔާމީން] އެންމެ ދުވަހަކުވެސް މޭޒުކޮޅު އެއްކޮށް ކުލިއާ ނުކުރައްވައި ވަޑައިނުގަންނަވާނެ. ރައީސަކީ ވަރަށް މުރާލިކަމާއެކު މަސައްކަތަކީ ކޮބައިކަން އެނގިގެން މީހުންނާ މަސައްކަތް ހަވާލުކުރަންޖެހެނީ ކިހިނެއްކަން ދެނެވަޑައިގެން ހުންނަވައިން މި މަސައްކަތްތައް ހަވާލުކުރެއްވި ވެރިއެއް. އެހެންކަމުން ރައީސަށް ހޯއްދެވި ކާމިޔާބު ހޯއްދެވުމުގެ ސަބަބަކީ ސީދާ ރައީސް ޔާމީން،" ޣައްސާން ވިދާޅުވިއެވެ.
ޣައްސާނުގެ ވާހަކަފުޅަށް އިތުރަށް ބާރުދެއްވަމުން ރައީސް ޔާމީނުގެ ހައުސިން މިނިސްޓަރު ޑރ.މުޢިއްޒު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނަކީ މަސައްކަތްތައް ކުރިއަށްދާ ގޮތް ކޮންމެ ދުވަހަކުވެސް ބެއްލެވި ބޭފުޅެއް ކަމަށެވެ. ކޮންމެ ދުވަހަކުވެސް ވުޒާރާތަކައި ކުންފުނިތަކުގެ ވެރިންނަށް ގުޅުއްވައި މަސައްކަތްކުރިއަށްދާ ގޮތް ބެއްލެވުމުގެ އިތުރަށް ބޭނުންފުޅުވާ ވަގުތެއްގައި އެ ބޭފުޅުން އޮފީހަށް ގެންދަވައިގެން ވަކިންނާއި އެކީގައި ބައްދަލުކުރައްވައި މަސައްކަތުގެ އަދާހަމަ މައުލޫމާތު އޮޅުންފިލުއްވައި އިރުޝާދު ދެއްވާ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަކީ ހުރިހާ މަސައްކަތެއްގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން މަސައްކަތް ލީޑުކުރެއްވި ބޭފުޅެއްކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
އޭގެ އިތުރަށް މަސައްކަތްތަކަށް ރައީސް ޔާމީން ވަރަށް ބޯޑަށް ފަހިކޮށްދެއްވާކަން މުއިއްޒު ފާހަގަކުރެއްވިއެވެ. އެގޮތުން ކަންކަން ފަހިކޮށްދެއްވުމުގެ މިސާލެއްގެ ގޮތުގައި ޑރ.މުއިއްޒު ފާހަގަކުރެއްވީ ސުނާމީ ހައުސިން މަޝްރޫޢެވެ. އެ މަޝްރޫއަކީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ނުނިމި ދިހަ އަހަރުވެފައިވާ މަޝްރޫއެއްކަމަށާއި، ގދ. އަތޮޅާއި ގއ. އަދި ތ. އަތޮޅުގެ އެކި ރަށްރަށުގައި މަސައްކަތް ކުރިއަށް ނުގޮސް މަޑުޖެހިފައި ހުރިކަން މުއިއްޒު ފާހަގަކުރެއްވިއެވެ. އެއް އަހަރު ތެރޭގައި އެ މަސައްކަތް ނިންމަވައިދެއްވަން ރައީސް ޔާމީން ވައުދުވެވަޑައިގެންނެވި ކަމަށާއި، 2014 ވަނަ އަހަރު ނިމުނުއިރު އެ މަޝްރޫޢު އޮތީ ނިމިފައި ކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
އެގޮތުން ހައުސިން މިނިސްޓްރީއަށް ފުރިހަމަ ބާރު ދެއްވައި ކަންކަން ފަހިކުރެއްވުމުގެ ގޮތުން އެ މަޝްރޫޢަށް ޚާއްޞަކޮށް ފިނޭންސް މިނިސްޓްރީން ވަކި ޓީމެއް ނަންގަވައި އަތޮޅުތަކަށް އެ ޓީމު ފޮނުއްވައިގެން ޤަވާއިދުގެ ތެރެއިން މަސައްކަތް އަވަސްކުރުމަށް ކުރެވެން ހުރި ހުރިހައި ކަމެއް އިންތިޒާމުކުރެއްވި ކަމަށްވެސް ޑރ.މުއިއްޒު ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން މަޝްރޫއުގެ މަސައްކަތް ހަލުއިކަމާއެކު ގެންގޮސް ނިންމައިލެވުނުކަމަށް އޭނާ ވިދާޅުވިއެވެ. "[މަޝްރޫޢު ނިންމީ] ހުރިހާ ކަމެއްވެސް އެންމެ ބާރަށް ގެންދެވޭނެ ގޮތަށް ކަންކަން ފަހިކޮށްދެއްވައިގެން. ކޮންމެ ދުވަހަކު، ޑައިލީކޮށް އެ މަޝްރޫޢުގެ ކަންކަން ދާ ގޮތް އެމަނިކުފާނު ބައްލަވާ،" ޑރ.މުއިއްޒު ވިދާޅުވިއެވެ.
މި ސެޝަނުގައި ޣައްސާނާއި މުއިއްޒުވަނީ އެމަނިކުފާނުގެ ޓީމުން މަސައްކަތްކުރަންވީ ގޮތުގެ އިރުޝާދު އަތްޕުޅުން ލިޔުއްވާފައިވާ ނޯޓުތަކެއް ދައްކަވައިލައްވާފައެވެ. އެގޮތުން އެއިން އެއް ނޯޓުގައި ރައީސް ޔާމީނު ވިދާޅުވެފައިވަނީ، "އަޅުގަނޑު ބޭނުންވަނީ ވިދުވަރެއްހައި އަވަސްކޮށް މަޝްރޫޢުތައް ނިންމަން" ކަމަށެވެ. އެހެން ނޯޓެއްގައި އެމަނިކުފާނުގެ މޭޒަށް ފޮނުވާފައިވާ މައުލޫމާތަކީ ރަނގަޅު މައުލޫމާތެއް ކަމުގައި ފެނިވަޑައިގަންނަވާތީ އެ މައުލޫމާތު އަލުން ޗެކުކުރުމަށްވެސް އިރުޝާދެއް ދެއްވާފައިވެއެވެ.
ރައީސް ޔާމީނުގެ ހަލުއި ވިދުވަރުގެ ދުވެލީގެ މިސާލެއްގެ ގޮތުގައި ޑރ.މުއިއްޒު ފާހަގަކުރެއްވީ ރަސްފަންނު ހެއްދެވި ގޮތެވެ. އެގޮތުން މާލޭގެ ހުޅަނގުގައި ތަބީއީ ގޮނޑުދޮށަކާ އެއްގޮތް ބީޗެއް ތަރައްގީކުރައްވަން ބޭނުންފުޅުވުމުން ޑިޒައިންތައް މިނިސްޓްރީން ގެންދިއުމުން އެންމެ ރަނގަޅު ޑިޒައިން އިޚުތިޔާރުކުރައްވައި މަޝްރޫޢު ނިންމެވުމަށް 4 މަސް ދުވަސް ދެއްވައި، އެކަމަށް ބޭނުންވާ ހުރިހާ ކުންފުނިތަކާއި އިދާރާތައް އެއްކުރައްވައި މަސައްކަތްކުރަން އިރުޝާދުދެއްވައި ވަރަށް ގާތުން މަސައްކަތް ބައްލަވައި ދަތިވާ ކޮންމެ ކަމެއް ހައްލުކޮށްދެއްވިކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
ޣައްސާނު އިތުރު މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވީ މުހިއްމު މަޝްރޫޢަކަށް ބޭނުންވާ މުދާ ކުލިއާކުރުން ލަސްވެއްޖެނަމަ ރައީސް އޮފީހުގެ މުވައްޒަފުން އެމްޕީއެލަށް ގޮސް ދަންވަރުވަންދެން އެތަނުގައި ތިބެ އެ މުދަލެއް ހުރި ކޮންޓެއިނަރެއް ހުރި ތަނަަކުން ހޯދައިގެން ނެރެފައިނޫނީ އެ މުވައްޒަފުން ނިދަންވެސް ނުދާނެ ކަމަށެވެ. އެއީ ރައީސް ޔާމީނު އެދިވަޑައިގަންނަވާ ގޮތްކަމަށްވާތީ ކަމަށް ޣައްސާން ވިދާޅުވިއެވެ.
މިވާހަކަތައް ފާހަގަކުރައްވައި ޑރ.މުއިއްޒާއި ޣައްސާން ވިދާޅުވީ މި ސަބަބުތަކާހުރެ ޕީޕީއެމުން މިހާރު މަސައްކަތްކުރަންވީ ރައީސް ޔާމީން މިނިވަންކޮށް ދިވެހިރާއްޖޭގެ ވެރިކަމަށް ގެނައުމަށް ކަމަށެވެ.