Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ވަހީދު

މިއަދު އަޅުގަނޑުގެ ޒަމީރު ގަބޫލެއް ނުކުރޭ ސިޔާސީ މައިދާނުގައި ނޫޅެން: ޑރ. ވަހީދު

ރާއްޖޭގެ ސިޔާސީ މައިދާން މިއަދު އޮތް ހާލަތުން ސިޔާސީ މައިދާނާ ދުރަށް ދިޔުމަށް އެމަނިކުފާނުގެ ޒަމީރު ގަބޫލުފުޅު ނުކުރައްވާ ކަމަށް ކުރީގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ދަރުބާރުގޭގައި ފެށި ޕީޕީއެމް-ޕީއެންސީގެ "ހޯޕް ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ. ވަހީދު ވިދާޅުވީ މަޖީދިއްޔާ ސްކޫލުގައި ކިޔަވާ ވިދާޅުވުމަށް އުޅުއްވީއްސުރެ ރާއްޖެއަށް ޑިމޮކްރަސީ ގެންނަން މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވައި، ޑރ. ވަހީދު ވިދާޅުވީ އޭރުއްސުރެ ޑިމޮކްރަސީއަށްޓަކައި ދެކެވަޑައިގަންނަވަމުން އައި ހުވަފެންތަކާއި ކުރައްވަމުން އައި މަސައްކަތް މިއަދު ބަޔަކު ހުރަސް އަޅައި ހުއްޓުވާފައިވާ ކަމަށެވެ.

"ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން މިއަދު މިވަނީ ނެތް އެއްޗަކަށް ހަދާފައި،"
ޑރ.ވަހީދު

ޑރ. ވަހީދު ވިދާޅުވީ، ރާއްޖެއަށް ޑިމޮކްރަސީ ލިބުނީ ވަރަށް ދިގު ދަތުރަކަށް ފަހު ކަމަށާއި، އެ ދަތުރުގައި އެމަނިކުފާނު ވެސް ހައްޔަރުކޮށް އަނިޔާއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ ޑިމޮކްރަސީ މިހާރު ނެތެމުން ދާ ކަމަށާއި އެހެންކަމުން ގޭގައި އޮންނެވުމަށް އަމިއްލަ ޒަމީރަށް ގަބޫލުނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަކީ ސިޔާސީ މައިދާނުގައި އުޅޭތާ ވަރަށް ގިނަ ދުވަސް ވެފައިވާ މީހެއް. މިއަދު އަޅުގަނޑަކަށް ނުޖެހޭ ސިޔާސީ މަައިދާނަށް ނުކުމެ އުޅޭކަށް. އަޅުގަނޑަށް ވަރަށް ހިތްފަސޭހަކަމާ އެކު ވަރަށް އަރާމުގައި އުޅެވިދާނެ. އެހެން ނަމަވެސް، މިއަދު އަޅުގަނޑުގެ ޒަމީރު ގަބޫލެއް ނުކުރޭ ސިޔާސީ މައިދާނުގައި ނޫޅެ ހުންނާކަށެއް" ޑރ. ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ އެމަނިކުފާނުގެ ދެ އަހަރާއި ޔާމީންގެ ފަސް އަހަރާ އެކު އެ ދިޔަ ހަތް އަހަރު، ވެރިކަން ކޮށްފައި ވަނީ ޑިމޮކްރަސީގެ އުސޫލުންނެވެ.


"އެކަމަކު އެ ދުވަސް މި އޮތީ ބަދަލުވެފައި. މިއަދު އަޅުގަނޑުމެންގެ ހައްގެއް ނެތް، މި ހައްގުތައް ނެތީމަ މިއަދު އަޅުގަނޑުމެންނަށް ނުކުންނަން މި ޖެހުނީ" ޑރ. ވަހީދު ވިދާޅުވި އެވެ.

ޑރ. ވަހީދު ވިދާޅުވީ އެ ހައްގުތަކަށް ވަކާލާތު ކުރައްވައި، ރައްޔިތުންނަށް ހެޔޮވެރިކަމެއް ކުރެއްވި ޒައީމް މިއަދު އޮންނެވީ ޖަލުގައިކަމަށާއި، މިއަދު ބާއްވަމުންދާ ކޮންފަރެންސުން ލިބޭ އެންމެ ބޮޑު ހިތާމައަކީ ޔާމީން އެތަނުގައި ނެތުން ކަމަށެވެ.

ޕީޕީއެމްގެ އުންމީދަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ކުރިމަތިލެއްވުން ކަމަށާއި ރައީސް ޔާމީންއާ އެކު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއިން އަންނަ ރިޔާސީ އިންތިޚާބު ސަރުކާރު ކާމިޔާބު ކުރުން ކަމަށް ޑރ. ވަހީދު ވިދާޅުވި އެވެ.

މި ލިއުމާއި ގުޅޭ