ރައީސް ޢަބްދުﷲ ޔާމީނަކީ މީހަކު ނިސްބަތްވާ އާއިލާއަށް ނުބައްލަވައި މީހާގެ ޤާބިލުކަމަށް ބައްލަވައިގެން ވަޒީފާ ދެއްވާ ރައީސެއްކަމަށް ޕީޕީއެމްގެ މުސްތަޝާރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިފަދައިން ޑރ.ޝަހީމު ވިދާޅުވެފައިވަނީ ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ފަރާތުން މި އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ "ހޯޕް ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޑރ.ޝަހީމު ވިދާޅުވި ގޮތުގައި ރައީސް ޔާމީނުގެ ވެރިކަން ބިނާވެފައިވާ ބަހާތަކަކީ ދިވެހިވަންތަކުގެ ސިފަތައް ރައްކާތެރިކުރުމާއި، ދިވެހިރާއްޖޭގެ ސިޔާދަތު ދެމެހެއްޓުމާއި އިޤުތިޞާދު ތަރައްޤީކޮށް ތަނަވަސްކަން އިތުރުކުރުން ކަމަށެވެ.
އަދި ރައީސް ޔާމީނުގެ ވެރިކަމަކީ ދިވެހިރާއްޖެއަށް ފިކުރީ ހަނގުރާމައިން ކުރަމުން އައި ނޭދެވޭ އަސަރުން ސަލާމަތްކުރެއްވުމަށް މަސައްކަތްކުރެއްވި ލީޑަރު ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ދިފާއުކުރެއްވުމަށް ރައީސް ޔާމީނުގެ ސަރުކާރުގައި ކުރެވުނު މަސައްކަތްތައް ވަރަށް ކައިރިން ފެނިވަޑައިގެންނެވިކަމަށް ޑރ.ޝަހީމު ވިދާޅުވިއެވެ.
އިތުރަށް ޑރ.ޝަހީމު ވިދާޅުވީ ރައީސް ޔާމީނުގެ އަރިހުގައި މަސައްކަތްކުރެއްވުމުގެ ތެރެއިން އެންމެ ބޮޑަށް ފެނިވަޑައިގަތީ އެމަނިކުފާނު ޒުވާނުންނަށް ފުރުސަތު ދެއްވާ ދެއްވުން ކަމަށެވެ. މީހުންނަށް ފުރުސަތު ދެއްވުމުގައި އެމީހެއްގެ އާއިލާއަށް ނުބައްލަވައި ޤާބިލުކަމަށް ބައްލަވާކަން ޝަހީމު ފާހަގަކުރެއްވިއެވެ.
"ރައީސް ޔާމީން މަޤާމާއި މަސްއޫލިއްޔަތު ހަވާލުކުރައްވަނީ އާއިލާއަށް ބައްލަވައިގެނެއްނޫން. ވަކި މީހެއްގެ އަންބަކަށް ވަކި މީހެއްގެ ފިރިއަކަށްވެގެން އެމަނިކުފާނު ވަޒީފާ ނުދެއްވާ. ޤާބިލުކަމަށް ވަންޏާ ކޮންމެ އާއިލާއެއްގެ މީހަކަސް ރައީސް ޔާމީނު މަސްއޫލިއްޔަތު ހަވާލުކުރައްވާނެ، ފުރުސަތު ދެއްވާނެ،" ޑރ.ޝަހީމު ވިދާޅުވިއެވެ.
އެ ހުރިހާ ސަބަބުތަކަށްޓަކައި ރައީސް ޔާމީނުގެ ދައުރު އަލުން އިއާދަކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި ޕީޕީއެމްގެ މުޅި ލީޑާޝިޕު އޮތީ އެ މަސައްކަތަށް ނިކުމެކަމަށް ޑރ.ޝަހީމު ވިދާޅުވިއެވެ. "ޕީޕީއެމް/ޕީއެންސީ ލީޑާޝިޕުން ރައީސް ޔާމީނަށް ޚިޔާނާތްތެރިނުވާނެ. ރައީސް ޔާމީނުގެ ދައުރު މާތްﷲގެ ވާގިފުޅާއެކު އިއާދަކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ،" ޑރ.ޝަހީމު ވިދާޅުވިއެވެ.