އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ބޮޑު މަހާސިންތާ "ހޯޕް ކޮންފަރެންސް"ގައި ބައިވެރިވާ މަންދޫބުން ރަޖިސްޓަރީވާން ފަށައިފިއެވެ.
މިއަދު ފަށާ މި މަހާސިންތާ އޮންނާނީ ދަރުބާރުގޭގައެވެ. ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވި ގޮތުގައި މި މަހާސިންތާގައި ޕީޕީއެމްގެ ދާއިރާ ރައީސުންނާއި ނައިބުރައީސުންނާއި ޒުވާނުންގެ ދާއިރާތަކުގެ ރައީސުންނާއި އަންހެނުންގެ ރައީސުންނާއި ދާއިރާތަކުގެ ސެކްރެޓަރީންނާއި، ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ބައިވެރިވާނެއެވެ.
މުޅިއަކު މި މަހާސިންތާގައި 1،000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެ ކަމަށް ހީނާ ވިދާޅުވިއެވެ. މި މަހާސިންތާ ފެށޭނީ މިއަދު 13:30 ގައެވެ. އެ މަހާސިންތާ އޮންނާނީ މިއަދުން ފެށިގެން މި މަހުގެ 4 ވަނަ ދުވަހާ ހަމައަށެވެ.
މި މަހާސިންތާގެ ތެރެއިން އަންނަ ހުކުރުދުވަހުގެ ހަވީރު 15:45 ގައި "ބުންވަރު ހިނގާލުން"ގެ ނަމުގައި ހިނގައިލުމެއް އޮންނާނެއެވެ. އެ ހިނގައިލުން ފަށާނީ ޕީޕީއެމް އޮފީސް ކުރިމަތިންކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
މަހާސިންތާ ނިންމުމަށް ހޮނިހިރު ދުވަހުގެ ރޭގަޑުގައި ޚާއްޞަ ޖަލްސާއެއް އާޓިފިޝަލް ބީޗު ސަރަހައްދުގައި ބާއްވަންވަނީ ހަމަޖެހިފައެވެ.