މި އަހަރުގެ މިހާތަނަށް ސަރުކާރުން ދަތުރުތަކަށް 6 މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުގައި 1 ޖެނުއަރީ 2023 އިން 26 ޖެނުއަރީ 2023 ގެ ނިޔަލަށް ސަރުކާރުން ދަތުރުތަކަށް 5.9 ނުވަތަ 6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރަށްވުރެ 9 ލައްކަ ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ސަރުކާރުން ދަތުރުތަކަށް ޚަރަދުކޮށްފައިވަނީ 5.0 މިލިއަން ރުފިޔާއެވެ.
އެއް މަހުން 6 މިލިއަން ސަރުކާރުން ދަތުރުތަކަށް ޚަރަދުކޮށްފައިވާއިރު އަހަރު ފެށުނީއްސުރެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ގެންދެވީ ދަތުރުކުރައްވަމުންނެވެ. އެގޮތުން ސަރުކާރުގެ ރަސްމީ ދަތުރުތަކުގެ ނަމުގައި ރަށްރަށަށް ދަތުރުކުރެއްވިއަސް އެމަނިކުފާނު އުޅުއްވީ ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ ކެމްޕެއިނުގައިކަން ފާހަގަކޮށްލެވެއެވެ.
މިއަހަރު ދަތުރުތަކަށް 210.2 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވިޔަސް އެ އަދަދަށް ވުރެ އިތުރަށް ސަރުކާރުން ޚަރަދުކުރާނެކަމަށް ބެލެވެއެވެ. މިދިޔަ އަހަރުވެސް ދަތުރުކުރަން ބަޖެޓުކުރިވަރަށް ވުރެ އެތަށް މިލިއަނެއް ސަރުކާރުން ދަތުރުތަކަށް ހޭދަކޮށްފައިވެއެވެ.
ދަތުރުތަކަށް މިހާތަނަށްވެސް ބޮޑު ޚަރަދެއްކޮށްފައިވާއިރު މިއީ އިންތިހާބު އަހަރު ކަމުން، ރައީސް އިބްރާހިމް ރާއްޖޭގެ އެކި ހިސާބުތަކަށްވެސް ދައުލަތުގެ ޚަރަދުގައި ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ބައެއް ބޭރު ޤައުމުތަކަށް ދަތުރުކުރެއްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ކޮންމެ އަހަރުވެސް ސަރުކާރުން ދަތުރުތަކަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރެއެވެ. އެގޮތުން ފާއިތުވި އަހަރުވެސް ރައީސް އިބްރާހިމާއި ސަރުކާރުގެ އިސްވެރިން ވަނީ ގައުމުން ބޭރަށް ގިނަ ދަތުރުތަކެއް ކުރައްވާފައެވެ. މީގެ ކުރިން ރައީސް އިބްރާހިމް ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނަކީ ވަރަށް ގިނައިން ދަތުރުކުރާ ހިތްވާ ބޭފުޅެކެވެ.