އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ބާއްވަމުންދާ ސިލްސިލާ އިހުތިޖާޖުތަކަކީ ނިޒާމަށް ދޭ ހަމަލާއެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެދިއްގަރު ދާއިރާގެ މެންބަރު އިކުރާމަ ހަސަން ސިފަކުރައްވައިފިއެވެ.
އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ފާއިތުވި ޑިސެންބަރު 25 ވަނަ ދުވަހުގައި ކުރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން އެ ދުވަހުން ފެށިގެން އެ އިއްތިހާދުން އަންނާނެ މާލޭގައި ސުލްހަވެރިކަމާއެކު ކޮންމެ ދުވަހަކު އިހުތިޖާޖުކޮށް އަޑުއުފުލަމުންނެވެ.
އިދިކޮޅު އިއްތިހާދުގެ އެއްވެސް އެއްވުމެއްގައި ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގައި އާންމު މުދަލަށް ގެއްލުން ދީފައިނުވެއެވެ.
ނިމުނު ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގެ ރޭގަނޑު އިދިކޮޅުން ބޭއްވި އެއްވުމެއްގެ ވީޑިއޯ ހިއްސާކުރައްވައި އިކުރާމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ އެއްވުންތަކަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނޫން ކަމަށެވެ.
ޤާނޫނު އަސާސީގައި ބުނެފައިވަނީ ކުރިއާލައި އެންގުމަކާ ނުލައި އެއްވެ އުޅުމާއި އަޑުއުފުލުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަަކަށްވެސް ލިބިގެންވާ ކަމަށެވެ. އަދި އިސްލާމްދީނުގެ އަސްލަކާ ފުށުނާރާ ގޮތަށް ޚިޔާލު ފާޅުކުރުމުގެ ހައްގު އެންމެނަށްވެސް ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވެއެވެ.
އިތުރަށް އިކުރާމު ވިދާޅުވީ އިދިކޮޅުން ބާއްވާ އިހުތިޖާޖަކީ ނިޒާމަށް ދޭ ހަމަލާއެއް ކަމަށެވެ. ނަމަވެސް އެ އިހިތިޖާޖުތަކުން ހަމަލާދެނީ ކޮން ނިޒާމަކަށްކަން ނުވަތަ ނިޒާމަކަށް ދޭ ހަމަލާއަކަށް އެ އިހުތިޖާޖުތައްވާ ސަބަބެއް އިކުރާމު ބަޔާންނުކުރައްވައެވެ.
އިކުރާމު ވިދާޅުވި ގޮތުގައި އިދިކޮޅުގެ އިހުތިޖާޖުތައް ހުއްޓުވަންޖެހެއެވެ. އަދި ޤައުމު މިހާރު ދަތުރުކުރަމުންދަނީ ކޮން މިސްރާބަކަށްތޯވެސް އޭނާ ސުވާލުކުރެއްވިއެވެ.
އިކުރާމު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ އެއްވުމާއި މުޒާހަރާތައް އިންތިޒާމުކޮށް ބޭއްވި ޕާޓީއެވެ. އެ ޕާޓީގެ އެއްވުންތަކުގައި ފުލުހުންނަށް ހަމަލާދީ އާންމުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީފައި އެބަހުއްޓެވެ.
އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް ވަޑައިގެންނެވީ އެއްވެއުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވައިލެއްވުމަށް ވައުދުވެވަޑައިގެންނެވެ. އަދި މާލެ ސަރަހައްދުގައި ވަކި ތަނަކަށް ނޫނީ އެއްވުން މަނާކުރާ ޤާނޫނު އުވައިލައްވާނެކަމަށް ވިދާޅުވެފައިވެއެވެ.
ނަމަވެސް ވެރިކަމަށް 4 އަހަރަށްވުރެ ގިނަ ދުވަސްވެ ދައުރު ނިމުމަކާ ކައިރިވަމުންދާއިރު، މިހާތަނަށް އެ ޤާނޫނު އުވައިލާފައިނުވެއެވެ. އަދި މާލެ ސަރަހައްދުގައި ބާއްވާ އެއްވުންތަކުން މީހުން ހައްޔަރުކޮށް ބާރުގެ ބޭނުންކުރުމަކީ ފުލުހުން އާންމުކޮށް ކުރާ ކަމެކެވެ.