ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންމެ ގާތް އެއް އެކުވެރިޔާ އަދި އެމަނިކުފާނުގެ ކެމްޕެއިނުގެ ޖަޑިބު ރީކޯ މޫސާ މަނިކު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީން ބޭރުކުރަން ގޮވާލައްވައިފިއެވެ.
ރީކޯ މޫސަ ރައީސް ނަޝީދު އެމްޑީޕީން ބޭރުކުރަން ގޮވައިލެއްވީ ނިމުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވަން ދެކޮޅުހައްދަވައި އެމްޑީޕީ ތެރޭގައި އެމަނިކުފާނުގެ އަމިއްލަ ސިޔާސީ ހަރަކާތެއް ހިންގަވަން ނަޝީދު ނިންމެވުމާ ގުޅިގެންނެވެ.
ރައީސް ނަޝީދާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމުން އަންނަނީ "ފިކުރެއްގެ ދިރުން"ގެ ނަމުގައި އެމްޑީޕީގެ އެތެރޭގައި ގޮފިތަކެއް އުފެއްދުމުގެ މަސައްކަތްކުރައްވަމުންނެވެ. ހުރިހާ ރަށެއްގައި އެ ގޮފިތައް އުފައްދައި 50،000 މެންބަރުން އެ ގޮފިތަކުގައި ރަޖިސްޓަރީކުރުމަކީ ރައީސް ނަޝީދުގެ އަމާޒެވެ.
ރިޔާސީ ޕްރައިމަރީއަށްފަހު ރައީސް އިބްރާހީމަށް ތާއީދުކުރެއްވުމާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ "ފިކުރެއްގެ ދިރުން" ގޮފިން ތާއީދުކުރާނެ ކެނޑިޑޭޓެއް ނިންމާނީ ފަހުން ކަމަށެވެ. އަދި ތާއީދުކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމުގައި ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ތާއީދުކުރައްވާ ކެނޑިޑޭޓަކަށް ތާއީދުކުރައްވަން ފަސޭހަވާނެ ކަމަށެވެ.
ރީކޯ މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރައީސްކަމުގައި ހުންނަވައިގެން އެ ޕާޓީގެ މެންބަރުންތަކެއްގެ ބޮލަށް އެރިވަޑައިގެން މުޅި އުމުރަށް ދައުލަތުން މުސާރަ ލިބޭނެ މަޤާމެއް ރައީސް ނަޝީދު ކުރިންވެސް ހޯއްދެވި ކަމަށެވެ.
އަދި މިހާރު ނަޝީދު ކުރައްވާ މަސައްކަތްޕުޅުގެ ބޭނުމަކީ މަޖިލީހުގެ ރައީސްކަމުން އެމަނިކުފާނު ވަކިކޮށްފާނެތީ ޕާޓީގެ މެންބަރުންތަކެއް އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިބިކަން ދެއްކެވުންތޯ ރީކޯ ސުވާލުކުރެއްވިއެވެ. ރައީސް އިބްރާހީމު ޓެގުކުރައްވައި އޭނާ ގޮވައިލެއްވީ ރައީސް ނަޝީދު ޕާޓީން ބޭރުކުރުމަށެވެ.
ރީކޯ މޫސައަކީ އޭނާގެ ރިސޯޓުގެ ކުލީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދައްކަވާ ބޭފުޅެކެވެ. އަދި ދައުލަތުގެ އެއާލައިން މޯލްޑިވިއަނުން ކުރެޑިޓަށް ޓިކެޓު ނެގުމަށްފަހު އެ ފައިސާވެސް އޭނާގެ ކުންފުނިން އަދާކޮށްފައިނުވެއެވެ. ބޭންކު އޮފް މޯލްޑިވްސްއިން މޫސަގެ ކުންފުންޏަކުން ނަގާފައިވާ ލޯނެއް ނުދައްކައިގެން އެ ކުންފުނިން އެ ލޯނުގެ ރަހުނުގެ ގޮތުގައި އޮތް ރަށްތައް ވިއްކުމުގެ ހުއްދައަކަށް ސިވިލް ކޯޓުގައި އެދިފައިވެއެވެ.
އެއިން އެއްވެސް ކަމެއްގައި މޫސައާމެދު ފިޔަވަޅުއަޅާފައިނުވަނީ އޭނާއަކީ ރައީސް އިބްރާހީމާ ގާތް ގުޅުމެއް އޮންނަ އެމަނިކުފާނުގެ ކެމްޕެއިނުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅަކަށްވާތީކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.