ރޭ ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި ފޮރެސްޓް އަތުން 0-2 އިން މޮޅުވެފަ އެވެ. މި ދެޓީމު ފޮރެސްޓުގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް މޮޅުވީ 3-0 އިންނެވެ.
ފައިނަލުގައި ޔުނައިޓެޑް ނުކުންނާނީ މި ސީޒަނުގައި ބޮޑު ކުރިއެރުމެއް ހޯދި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. ނިއުކާސަލް ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ސެމީގެ ދެ މެޗުގައި 1-3 ގެ އެގްރިގޭޓުން ސައުތެމްޓަން ބަލިކޮށްގެންނެވެ.
ޔުނައިޓެޑަށް އެންމެ ފަހުން ތައްޓެއްގައި އަތްލެވުނީ 2017 ވަނަ އަހަރު އެވެ. އޭގެފަހުން ދެ ފައިނަލުގައި ކުޅެ ބަލިވި އެވެ. އެއީ އެފްއޭ ކަޕް ފައިނަލުގައި ޗެލްސީ އަތުންނާއި ޔޫއެފާ ޔޫރޮޕާ ލީގު ފައިނަލުގައި ސެވިއްޔާއާ ވާދަކޮށެވެ. 2017 ވަނަ އަހަރު ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ޔުނައިޓެޑް ވަނީ ޔޫއެފާ ޔޫރޮޕާ ލީގާއި ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ.
މިއީ 1999 ވަނަ އަހަރުގެ ފަހުން އިނގިރޭސި ކަޕް ފައިނަލަކަށް ނިއުކާސަލް ދަތުރުކުރި ފުރަތަމަ ފަހަރެވެ. 1999 ވަނަ އަހަރު ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު އެފްއޭ ކަޕް ފައިނަލުގައި ނިއުކާސަލް ވަނީ މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެފަ އެވެ.
ރޭގެ މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ ގޯލު 73 ވަނަ މިނެޓުގައި ޖެހީ އެންތަނީ މާޝިއަލް އެވެ. މާކަސް ރަޝްފޯޑް ދިން ބޯޅަ މާޝިއަލް ގޯލަށް ވައްދާލީ އެއްފަހަރުން ޖަހަ އެވެ. 76 ވަނަ މިނެޓުގައި ރަޝްފޯޑް ނަގައިދިން ހުރަހަކުން ޔުނައިޓެޑްގެ ދެވަނަ ގޯލު ޖެހީ ފްރެޑް އެވެ.
ރޭގެ މޮޅަކީ އަމިއްލަ ދަނޑުގައި ޔުނައިޓެޑް ޖެހިޖެހިގެން ހޯދި 12 ވަނަ މޮޅެވެ. މީގެ ކުރިން މި އަދަދަށް ޖެހިޖެހިގެން އަމިއްލަ ދަނޑުގައި ޔުނައިޓެޑް މޮޅުވީ ކާމިޔާބު ކޯޗު ސާ އަލެކްސް ފާގަސަންގެ ދައުރުގަ އެވެ.
ޔުނައިޓެޑާއި ނިއުކާސަލް ވާދަކުރާ ލީގު ކަޕް ފައިނަލް އޮންނާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.