ހިސޯރުކޮށްފައިވާ ޣައްޒާއިން އިސްރާއީލަށް ފޮނުވި ރޮކެޓެއް ހުއްޓުވިތާ ކުޑަ ވަގުތުކޮޅެއް ފަހުން އިސްރާއީލުގެ ވައިގެ ސިފައިން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވާކަމަށް އޭއެފްޕީ ނޫހުން ރިޕޯޓުކޮށްފިއެވެ.
އިސްރާއީލުގެ ހަމަލާތަކަށް ފަހު ޣައްޒާއިން އިސްރާއިލަަށް އަމާޒުކޮށް އިތުރު 2 ރޮކެޓު ފޮނުވައިލި މަންޒަރު ފެނުނުކަމަށް އޭއެފްޕީގެ ނޫސްވެރިއެއް ރިޕޯޓުކޮށްފައިވެއެވެ. އަދި އޭގެ ފަހުން 3ވަނަ ރޮކެޓެއް ޣައްޒާއިން ފޮނުވައިލި މަންޒަރު ފެނުނުކަމަށް މަންޒަރު ދުށް މީހަކާ ހަވާލާދީ އޭއެފްޕީން ރިޕޯޓުކޮށްފައިވެއެވެ.
ރޭ ދަންވަރު އިސްރާއީލު އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ޣައްޒާއަށް ވައިގެ މަގުން ހަމަލާދެމުން އަންނަކަން ކަށަވަރުކޮށްދީފައިވެއެވެ. އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވަނީ ޣައްޒާ ވަށައިގެން ހުރި އިސްރާއީލު ސަރަހައްދުތަކަށް ރޮކެޓު ހަމަލާ އަމާޒުވުމުގެ ރިޕޯޓުތައް ލިބުމާއެކު، ޣައްޒާއަށް ވައިގެ މަގުން ހަމަލާދޭން ފެށީކަމަށެވެ.
އިސްރާއީލަށް ޣައްޒާއިން ފޮނުވި ރޮކެޓު ހަމަލާތަކާއި އިސްރާއީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ޣައްޒާއަށް ދިން ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓުތަކެއް މިހާތަނަށް ލިބިފައިނުވެއެވެ.
ޣައްޒާގެ 2.3 މިލިއަން ރަށްވެހިން ދިރިއުޅެމުންދަނީ ވައާއި ކަނޑާއި އެއްގަމު މަގުން ހިސާރުވެފައިވާ ހާލަތުގައެވެ. މުހައްލިލުން ވިދާޅުވާ ގޮތުގައި ޣައްޒާ ހިސޯރުކޮށްފައި އޮންނަ އޮތުމަކީ ޖަމާއީ ގޮތެއްގައި އަދަބު ދިނުމަށް ކޮށްފައިވާ ކަމެކެވެ.
1967 ވަނަ އަހަރުގެ އަރަބި އިސްރާއީލު ހަނގުރާމާގައި އިސްރާއީލުންވަނީ އިރުމަތީ ޤުދުސާއި ހުޅަނގު އައްސޭރިއާއި ޣައްޒާ އިސްތިއުމާރުކޮށްފައެވެ. އަދި 1980 ވަނަ އަހަރުގައި މުޅި އިރުމަތީ ޤުދުސަކީ އެ ޤައުމުގެ ބައެއްކަމަށް ކަނޑައަޅާފައެވެ.
ފަލަސްޠީނު ރައްޔިތުން ދެކޭ ގޮތުގައި ޣައްޒާއާއި ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސަކީ ފަލަސްޠީނު ދައުލަތުގެ ބިންތަކެވެ. އަދި އިރުމަތީ ޤުދުސަކީ އެ ދައުލަތުގެ ވެރިރަށްކަމަށް ފަލަސްޠީނު ރައްޔިތުން ޤަބޫލުކުރެއެވެ.
ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސަކީ އިސްތިއުމާރުކޮށްފައިވާ ދެ ސަރަހައްދެވެ. އަދި އެ ދެ ސަރަހައްދުގައި އިސްރާއީލުން ޤާއިމުކުރާ އާބާދުވުންތަކަކީ ޣައިރު ޤާނޫނީ އާބާދުވުންތަކެކެވެ.