އޮސްޓްރޭލިއާ ފައިސާއިން އިނގިރޭސިވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު 2ގެ ފޮޓޯ އުނިކޮށް، އެ ޤައުމުގެ އަސްލު ރަށްވެހިންގެ ސަގާފަތް ދައްކުވައިދޭ މަންޒަރެއް ބޭނުންކުރަން ނިންމާފައިވާކަމަށް އޮސްޓްރޭލިއާގެ މަރުކަޒީ ބޭންކުން ބުނެފިއެވެ.
އޮސްޓްރޭލިއާގެ ފައިސާ ނޯޓުތަކުގެ ތެރެއިން ރާނީ އެލިޒަބަތުގެ ފޮޓޯ ޖަހާފައި ހުންނަނީ 5 ޑޮލަރުގެ ނޯޓުގައެވެ. އެ ނޯޓުން އެލިޒަބަތުގެ ފޮޓޯ އުނިކޮށް އިނގިރޭސި ރަސްގެފާނު ޗާލްސް 3ގެ ފޮޓޯ ނުޖަހަން ނިންމުމާއެކު އޮސްޓްރޭލިއާގެ ކަރުދާސް ފައިސާގައި އިނގިރޭސި އެއްވެސް ރަސްކަލެއްގެ ފޮޓޯ ނުހުންނާނެއެވެ.
އެ ނިންމުމަށް އޮސްޓްރޭލިއާގެ ޖުމްހޫރީ ހަރަކާތުން މަރުހަބާ ކިޔާފައިވެއެވެ. އެ ހަރަކާތުން ފާހަގަކުރި ގޮތުގައި އިނގިރޭސިން އޮސްޓްރޭލިއާގައި އާބާދުވުމުގެ 65،000 އަހަރު ކުރީއްސުރެ އެ ޤައުމުގެ އަސްލު ރަށްވެހިން އެ ފަސްގަނޑުގައި ދިރިއުޅުނެވެ.
"5 ޑޮލަރުގެ ނޯޓުގައި ރާނީ އެލިޒަބަތުގެ ފޮޓޯ ޖަހާފައިވާ ފަޅި ނޫން އަނެއް ފަޅީގައި ދެންވެސް ހުންނާނީ އޮސްޓްރޭލިއާގެ ބަރުލަމާނުގެ ފޮޓޯއެއް،" މަރުކަޒީ ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މަރުކަޒީ ބޭންކުން ބުނި ގޮތުގައި މި ބަދަލު ގެންނަނީ އޮސްޓްރޭލިއާ ސަރުކާރާ މަޝްވަރާކުރުމަށްފަހު ސަރުކާރުގެ ފުރިހަމަ ތާއީދާއެކުއެވެ.
އޮސްޓްރޭލިއާގެ ޓްރެޝަރާ ޖިމް ޗަލްމާސް ވިދާޅުވި ގޮތުގައި މި ނިންމުމަކީ ތިލަފަތްހަމަކަން ގެންނަ ނިންމުމެކެވެ. އޭނާ ވިދާޅުވި ގޮތުގައި ކަރުދާސް ފައިސާއިން އިނގިރޭސި ރަސްކަލުންނާއި ރަނިންގެ ފޮޓޯ އުނިކުރިއަސް ފައިސާ ފޮތީގައި އެ ބޭފުޅުން ފެންނަން ހުންނާނެއެވެ.
އިދިކޮޅު ހަރަކާތުން ސިފަކުރި ގޮތުގައި މި ބަދަލަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އަދި ހިމޭން އަޣުލަބިއްޔަތުން މިފަދަ ނިންމުންތަކަށް ތާއީދުނުކުރާކަން އެނގޭކަމަށް އިދިކޮޅު ލީޑަރު ޕީޓާ ޑުޓޮން ވިދާޅުވިއެވެ.
ރާނީގެ ފޮޓޯ އުނިކޮށް އަސްލު ރަށްވެހިންގެ ސަގާފަތް ފެންނަ ފޮޓޯއެއް 5 ޑޮލަރުގެ ނޯޓުގައި ޖަހަން ނިންމި ނަމަވެސް އެ ނޯޓުގައި ޖަހާނެ ފޮޓޯއެއް ކަނޑައަޅައި ފަރުމާކޮށް އައު ނޯޓު ބާޒާރަށް ނެރުމަށް އަދި އަހަރުތަކެއް ނަގާނެއެވެ. 5 ޑޮލަރުގައި ހިމަނާ އައު މަންޒަރު ފަރުމާކުރާނީ ފުޅާ ދާއިރާއެއްގައި އަސްލު ރަށްވެހިންނާ ވާހަކަދައްކައިގެންކަމަށް އޮސްޓްރޭލިއާގެ މަރުކަޒީ ބޭންކުން ބުނެފައިވެއެވެ.