އޭއެފްސީ އޭޝިއަން ކަޕް 2027 ވަނަ އަހަރު ބާއްވާނެ ގައުމަކަށް ސައުދީ އަރަބިއާ ހޮވިއްޖެ އެވެ.
ސައުދީގައި މުބާރާތް ބާއްވާނެކަން އިއުލާންކުރީ މިއަދު ބަހްރޭންގެ މަނަމާގައި ކުރިއަށްދިޔަ 33 ވަނަ އޭއެފްސީ ކޮންގްރެސްގަ އެވެ.
މުބާރާތަށް ބިޑްކުރި ހަމައެކަނި ގައުމުގެ ގޮތުގައި ސައުދީގައި މުބާރާތް ބާއްވާނެކަން ކުރިން ވެސް އޮތީ ކަށަވަރުވެފަ އެވެ. ސައުދީގެ އިތުރުން އޭޝިއަން ކަޕް ބާއްވަން ބިޑްކުރީ އިންޑިއާ އިންނެވެ. އެކަމަކު އެގައުމުން ވަނީ މިދިޔަ ޑިސެމްބަރު މަހު ބިޑް ނަގައި ކުރިމަތިނުލާން ނިންމައިފަ އެވެ.
މިއީ ސައުދީ އަރަބިއާގައި އޭޝިއަން ކަޕް ބާއްވާނެ ފުރަތަމަ ފަހަރެވެ. ސައުދީގައި މުބާރާތް އޮންނާނެކަން އިއުލާންކުރެއްވުމަށް ފަހު އޭއެފްސީގެ ރައީސްކަމަށް ތިންވަނަ ދައުރަކަށް އިންތިހާބުވަޑައިގެންނެވި ބަހްރޭންގެ ޝެއިހް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާ ވިދާޅުވީ ސައުދީގައި އޮންނަ އޭޝިއަން ކަޕް ފުރިހަމަ ކުރުމަށް އެގައުމުގެ ފެޑެރޭޝަނާ އެކު ވަރަށް ގާތުން މަސައްކަތްކުރައްވާނެ ކަމަށެވެ.
ސައުދީ އަރަބިއަން ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ޔާސިރު އަލް މިސެހަލް ވިދާޅުވީ މިއީ އޭޝިއާގެ ފުޓްބޯޅަ އަށް ލިބުނު އުފަލެއް ކަމަށާއި މުބާރާތުގައި ރަނގަޅު ތާރީހެއް އޮތް ސައުދީ އިން މަސައްކަތްކުރާނީ މުބާރާތް އެހެން ހަރުފަތަކަށް ގެންދަން ކަމަށެވެ.
ސައުދީ އަރަބިއާ އަކީ އޭޝިއަން ކަޕްގައި ދެވަނަ އަށް އެންމެ ކާމިޔާބު ގައުމެވެ. އެޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 1984، 1988 އަދި 1996 ވަނަ އަހަރު އެވެ. ސައުދީ އަށް ވުރެ ގިނައިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ހަތަރު ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ޖަޕާން އެވެ.
ސައުދީގައި ކުޅޭ އޭޝިއަން ކަޕްގައި 24 ޓީމު ވާދަކުރާނެ އެވެ. އޭޝިއަން ކަޕް 24 ޓީމަށް ބަދަލުކުރީ 2019 ވަނަ އަހަރުން ފެށިގެންނެވެ. އެފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ގަތަރެވެ.
މިއަހަރުގެ އޭޝިއަން ކަޕް އޮންނާނީ މިދިޔަ އަހަރު ފީފާ ވޯލްޑް ކަޕް ބޭއްވި ގަތަރުގަ އެވެ. މިއަހަރު އޭޝިއަން ކަޕް ބާއްވަން އެންމެ ފުރަތަމަ ހަމަޖެހުނީ ޗައިނާ އެވެ. އެކަމަކު ކޮވިޑާ ގުޅިގެން ޗައިނާގައި ނުބާއްވަން ނިންމުމާ އެކު ގަތަރަށް އެ ފުރުސަތު ލިބުނީ އެވެ.
އޭޝިއަން ކަޕް ބާއްވާ ގައުމަކަށް ސައުދީ އަރަބިއާ ހޮވުނުއިރު އެގައުމުން ވަނީ 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވަން ވެސް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ވޯލްޑް ކަޕް ބާއްވާ ބިޑުގައި ސައުދީއާ އެކު އޮތީ މިސްރާއި ގްރީސް އެވެ.