ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 1 ފެބްރުއަރީ 2018 ވަނަ ދުވަހުގައި ގެންނަން އުޅުނު ބަޣާވަތާ ބެހޭ އިންކުއިރީއެއް އަންނަ ދައުރުގައި ހަދަންޖެހޭކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އިޝާރާތްކުރައްވާފައިވަނީ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޖަލުގައި ތިބި ބައެއް ޤައިދީން އެއްފަހަރާ މިނިވަންކުރުމަށް ސުޕްރީމް ކޯޓުން އެ ދުވަހު ސަރުކާރުގެ މައްޗަށް ކުރި އަމުރަށެވެ.
މި އަމުރާ ގުޅޭ ވަރަށް ގިނަ ތަފުސީލުތައް އެންމެ ފަހުން ރައީސް ޔާމީން ނޫސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ހިއްސާކުރައްވާފައިވެއެވެ. އެގޮތުން އެ އަމުރު ނެރުމުގެ ކުރިން އަމުރު ތަންފީޒުކުރުމަށް ފުލުހުންގެ ތެރެއިން ވަކި ބައެއް ނަގައި ތައްޔާރުވެފައި އޮތްކަމާއި، އެ އަމުރު ނެރުމާއެކު އެއިރުގެ ފުލުސް ކޮމިޝަނަރާ ރައީސް ޔާމީނާ ދެމެދުގައި މުވާސަލާތުކުރުން ހުއްޓުނުކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މިއަދަކީ އެ އަމުރަށް ހަތަރު އަހަރު ފުރުނު ދުވަހެވެ. އެއަމުރާ ގުޅޭ ގޮތުން ކުރެއްވި ޓުވީޓުގައި އެއިރު ޑިފެންސް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އާދަމް ޝަރީފު ވިދާޅުވީ އެ އަމުރަކީ އެއިރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުން ގެންނަވަން އުޅުއްވި ބަޣާވާތެއް ކަމަށެވެ. އަދި އެ ބަޣާވާތުން އެނގުނީ ޝަރުއީ ނިޒާމުގެ މުސްތަގިއްލުކަން ކުޑަކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިތުރަށް އާދަމް ޝަރީފު ފާހަގަކުރެއްވީ އެ އަމުރު ނެރުމުން، ޝަރުއީ ނިޒާމުގެ ތެރެއިން ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ކުރެވިދާނެކަން ސާފުކޮށް އެނގިގެން ދިޔަ ކަމަށެވެ. އަދި އެ ދުވަހު ސުޕްރީމް ކޯޓުން ގެންނަން އުޅުނު ބަޣާވާތުގެ ފުރިހަމަ ތަހުގީގެއް އަންނަ ދައުރުގައި ހިންގަންޖެހޭ ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.