ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް, އޭޝިއަން ފުޓްބޯޅަ ކޮންފަޑަރޭޝަން (އޭއެފްސީ) ގެ އެގްޒެކްޓިވް ކޮމިޓީ އަށް އިންތިހާބުވެވަޑައިގެންފިއެވެ.
ބައްސާމް އޭއެފްސީގެ އެކްސްކޯ އަށް އިންތިޚާބުވީ މިއަދު ބޭއްވި އޭއެފްސީގެ 33 ވަނަ ކޮންގްރެސްގައި 47 ގައުމަކާ ވާދަ ކުރައްވައިގެންނެވެ.
އޭއެފްސީ އެގްޒެކްޓިވް ކޮމިޓީގެ އިންތިހާބުގައި ބައްސާމާއި އެކްސްކޯގެ މެމްބަރުން އިންތިހާބުކޮށްފައި ވަނީ 2027 ގެ ނިޔަލަށެވެ. އޭއެފްސީގެ 33 ވަނަ ކޮންގްރެސް ބާއްވާފައިވަނީ ބަހްރެއިންގައެވެ.
މިއަދު ބޭއްވި ކޮންގްރެސްގައި އޭއެފްސީގެ ރައީސް އާއި ފަސް ޒޯނަކަށް ބަހާލައިގެން އޭއެފްސީގެ ނައިބު ރައީސުންނާއި ފީފާގެ ހަ ކައުންސިލް މެމްބަރުން އިންތިހާބު ކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި އަންހެން މެމްބަރަކު ވެސް އިންޚާބު ކުރުމަށް ހަޖެހިފައިވެއެވެ.
މީގެއިތުރުން އޭއެފްސީ އަންހެން އެގްޒެކްޓިވް ކޮމިޓީ އަށް ފަސް މެމްބަރުން އިންތިހާބު ކޮށްފައިވާއިރު، އޭގެ ތެރެއިން އެކަކު ވާން ޖެހޭނީ ފީފާގެ ކައުންސިލް މެމްބަރަކަށެވެ. އޭއެފްސީގެ އެގްޒެކްޓިވް ކޮމިޓީ އަށް ޖުމްލަ ނުވަ މެމްބަރުން ވަނީ އިންތިހާބު ކޮށްފައެވެ.
މިއާ އެކު، ބައްސާމް ވެގެންދާނީ އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަން ކުރައްވާނެ ރާއްޖެ އަށް ނިސްބަތްވާ ތިން ވަނަ ފަރާތަށެވެ.
މީގެ ކުރިން އެ މަގާމު ފުރުއްވާފައިވަނީ، އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް އާއި އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީގައި އިސް މަސައްކަތްތަކެއް ކުރެއްވި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް މުހައްމަދު ޝަވީދު އެވެ.