އިންޑަނޭޝިއާގައި މޫސިމީ ބަދަލުތަކާއި ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނާތީވެ، ހޮލްސިމް ނަމަކަށް ކިޔާ ސިމެންތި އުފައްދާ ކުންފުނިން އެ ބަދަލުތައް ގެނައުމަށް އަސަރުކުރާ މިންވަރު ދަށްކުރުމަށާއި އަދި، އެގައުމަށް ލިބިފައިވާ ގެއްލުންތަކުގެ ބަދަލު ދިނުމަށް ގޮވާލާ އިންޑާނޭޝިޔާއަށް ނިސްބަތްވާ 4 މީހަކު ސްވިޒްލޭންޑުގެ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ކޯޓަށް މައްސަލަ ހުށަހެޅުމުގެ ސަބަބަކަށް ވެގެންދިޔައީ، މިދިޔަ އަހަރުގެ ޖުލައި މަހުގައި ސްވިޓްޒަލޭންޑްގެ ޒުގްގައި ހުންނަ ހޮލްސިމްގެ މައި އޮފީހަށް، އެ ކުންފުނިން ސިމެންތި އުފެއްދުމުގައި ކާރުހާނާތަކުން ބޭރުކުރާ ކާބަންޑައިއޮކްސައިޑްގެ ސަބަބުން މޫސުމީ ބަދަލުތަކަށް ނޭދެވޭ ގިނަ އަސަރުތަކެއް ކުރަމުން އައުމާއި ގުޅިގެން، އެކަމަށް ހައްލެއް ހޯދުމުގެ މަޝްވަރާކުރުމުގެ ފުރުސަތު ދިނުމުން، އެ ފުރުސަތުގައި އެއްބަސްވުމަކަށް ނާދެވުނީމައެވެ.
އިންޑޮނޭޝިއަން ފޯރަމް ފޯ ދަ އެންވައިރަންމެންޓް (ޑަބްލިއުއޭއެލްއެޗުއައި)، ސްވިސް ޗާޗް އެއިޑް (ހެކްސް)، އަދި ޔޫރަޕިއަން ސެންޓާ ފޯ ދަ ކޮންސްޓިޓިއުޝަނަލް އެންޑް ހިއުމަން ރައިޓްސް ގެ ތާއީދު ލިބިފައިވާ މައްސަލައިގެ ތަފްސީލުގައި ހޮލްސިމްގެ ފަރާތުންވަނީ، އެ ކުންފުނިން ބޭރުކުރާ ކާބަންޑައިއޮކްސައިޑް ގެ މިންވަރު 2030ގެ ކުރިން 43 އިންސައްތް އަށް ދަށްކުރުމަށް އެދިފައެވެ.
މީގެ އިތުރުން، އިންޑޮނޭޝިއާގެ ޕަރީގެ 4 ރައްޔިތުން ހުށަހެޅި މައްސަލައިގާ، އެ ކުންފުނީގެ ސަބަބުން މޫސުމީ ބަދަލުތަކަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން އެފުދުނު ގުދުރަތީ ކާރިސާތަކުގެ ސަބަބުން ފަނާވެގެންދިޔަ ގެތަކާއި، މުދާތަކާއި، ފެންބޮޑުވުމުގެ ސަބަބުން މަރުވި ގަސްތަކާއި، ގަދަ ވިއްސާރައިގެ ސަބަބުން މަހަށް ނުދެވި އާމްދަނީ ހޯދާނެ ގޮތް ގެއްލުމާއި، އަދި އުފުލެމުން އަންނަ ކަނޑުގެ ސަބަބުން. 1500 މީހުން ދިރިއުޅޭ ބިމުގައި ލޮނުގަނޑު ފެތުރި ދިރުނޫޅެވުމާއި ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ދޭން ހުށަހަޅައިފާވެއެވެ.
މައްސަލަ ހުށަހެޅި 4 މީހުން އެދިފައިވާ ފައިސާގެ މިންވަރަކީ ޖުމްލަ 14،700 ސްވިސް ފްރޭންކްސް (16،000 ޑޮލަރު)އެވެ. އެއީ، ކޮންމެ މީހަކަށް 4،000 ޑޮލަރެވެ. މި އަދަދު ނެރިފައިވަނީ ހޮލްސިމްގެ ފަރާތުން މޫސުމީ ބަދަލުތަކަށް ނޭދެވޭ އަސަރުކުރި މިންވަރާއި މުނާސަބު އެއްހަމަ މިންވަރެއްކަމަށް ނިންމައިގެންނެވެ.
އިންޑަނޭޝިއާގެ ފެޔަރީ ރަށްތައް ހެދިފައިހުންނަ ގޮތުން އެ ރަށްތަކުގެ ފަށަލަ ހުންނަނީ ކަނޑުގެ ފެންގަނޑާ ވަރަށް ކައިރިކޮށެވެ. މިކަމުގެ ސަބަބުން އެ ރަށްތަކަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެފެދޭ ނުރައްކާތެރި ކާރިސާތަކުގެ ޝިކާރައަކަށްވުން އާންމުވެފައިވާ ރަށްތަކެކެވެ.
މިކަމަށް ހެކިދައްކައިދޭން އިންޑަނޭޝިއާގެ ނޭޝަނަލް ޑިސާސްޓާ މިޓިގޭޝަން އިދާރާއިން އެކުލަވާލި ރިޕޯޓަކުންވަނީ އެގައުމަށް ކުރިމަތިވެފައިވާ ގުދުރަތީ ކާރިސާތަކަށް އަލިއަޅުވާލާ، ތަފާސްހިސާބުތަކުން ތަފްސީލްކޮށްދީފައެވެ. އެ ރިޕޯޓުގައި ބުނެފައިވާގޮތުން، 2021ގައި 5،402 ކާރިސާއެއް ކުރިމަތިވިއެވެ. އެގޮތުން 1،794 ފަހަރު ގައުމުގެ އެކި ކަންކޮޅުތަކުގައި ފެންބޮޑުވިއެވެ. އަދި މި އަދަދަކީ 2019 ވަނަ އަހަރު ކުރިމަތިވި ކާރިސާތަކަށްވުރެ އެތައް ގުނައެއް ގިނަ ކާރިސާތަކެވެ. 2019ގައި ވަނީ 784 ފަހަރު އެގައުމުގައި މޫސުން ގޯސްވުމުގެ ސަބަބުން ފެންބޮޑުވެފައެވެ.