Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެކްސިޑެންޓު

ޑިންގީއަކުން ޖެހި މަރުވި ފަތުރުވެރިޔާ ސިއްހީ މަރުކަޒަށް ގެންދިޔައީ ލޮރީއެއްގައި

ޑިންގީއަކުން ޖެހި ތުލުސްދޫ ކައިރިން މަރުވި ފަތުރުވެރިޔާ އެ ރަށު ސިއްހީ މަރުކަޒާ ހަމައަށް ގެންދިޔައީ ލޮރީއެއްގައެވެ.

ނިމުނު ޖަނަވަރީ މަހުގެ 29 ވަނަ ދުވަހުގައި ހިނގި އެ ހާދިސާގައި މަރުވެފައިވަނީ ތުލުސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޕޮލޭންޑަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއެކެވެ.

ކ.ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ "ދިޔަރެސް"އަށް މައުލޫމާތު ދެމުން ވިދާޅުވިގޮތުގައި، ރަށުގެ އިރު-އުތުރު ފަޅަކީ ކޯމަސް ބަލާލަން އެރިލަން ގިނަ ބައެއްގެ މެދުގައި މަޝްހޫރު ހިސާބެކެވެ.

އެ ހިސާބުގެ ފަޅަށް އެރި އުޅެނިކޮށް މަރުވި ފަތުރުވެރިޔާވަނީ، ކޯމަސް ބަލާލުމުގެ ބޭނުމުގައި ސްނޯކަލް ކުރުމަށް ކަނޑައެޅިފައިވާ ހިސާބުން ތަންކޮޅެއް ބޭރަށް ކަނޑަށް ނިކުމެފައެވެ. ފަޅުން ބޭރަށް ކަނޑަށް ނިކުމެގެން އުޅުނު ވަގުތުގައި އެ ހިސާބުން ހުރަސްކޮށްފައިވާ ދިޔަ ލޯންޗެއްގެ ދަށުވެ، އުޅަނދުގެ ބުރަފަތީގައި ޖެހި ގިނަ އަނިޔާތަކެއް ލިބުނެވެ. އަދި، މާގިނަ އިރުތަކެއް ނުވަނީސް މޫދުގަ އޮއްވާ އޭނާވަނީ މަރުވެފައެވެ.

ކަނޑުން ނަގައިގެން ތުލުސްދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު އޭނާގެ އެއް އަތް އޮތީ ބުރިވެފައިކަމަށާއި، މޭމައްޗާއި ހަށިގަނޑުގެ އެކިއެކި ހިސާބުތަކަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާކަމަށް ރަށު ކައުންސިލްގެ ރައީސް ފާހަކުރެއްވިއެވެ.

މަރުވި ފަތުރުވެރިޔާ ލޮރީއެއްގައި ސިއްހީ މަރުކަޒަށް ގެންދަންޖެހުނު ސަބަބެއްކަމަށް އެ ރަށު ސިއްހީ މަރުކަޒުގެ އިންޗާޖް އަޙްމަދު ރަޝީދު ވިދާޅުވީ އެ ރަށުގައި އޮތް އެމްބިއުލަންސް ހަލާކުވެފައި އޮތުމެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

އަދި އެމްބިއުލާންސްގައި ޖެހުނު މައްސަލަ ހައްލުކުރުމަށް ކޯޓޭޝަނެއް ހޯދުމަށް ހެލްތު މިނިސްޓްރީން އެދުމުން އެ ކޯޓޭޝަން ހޯދައި މިނިސްޓްރީއަށް ފޮނުވާފައިވާކަމަށާއި، އެންމެ ފަހުން މިނިސްޓްރީން ބުނި ގޮތުގައި އެ ކޯޓޭޝަން ފިނޭންސް މިނިސްޓްރީއަށް ފޮނުވައިގެން ކޯޓޭޝަނަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެ ޑިންގީ ދުއްވި އުމުރުން 45 އަހަރުގެ ދިވެއްސެއް ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތުލުސްދޫ މެޖިސްޓްރޭޓު ކޯޓަށް އިއްޔެ އޭނާ ހާޒިރުކުރުމުން ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހާފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި ލިއުމާއި ގުޅޭ