ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކުރާ ކިޔަވާ ލޯނުގެ އިންޓްރެސްޓާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަންގެ ފައިނޭންސިން ރޭޓް ފަސް ޕަސެންޓަށް ކުޑަކޮށްފިއެވެ.
ބީއެމްއެލްއިން ބުނީ އެ ބަދަލަކީ މިހާރު ނަގާފައިވާ ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގެ އިތުރުން އަލަށް އެދި ހުށަހަޅާ ފެސިލިޓީތަކަށް ވެސް ހިނގާނެ ރޭޓު ކަމަށާއި އެ ބަދަލުގެ ސަބަބުން މިހާރު ލޯނާއި ފައިނޭންސިން ނަގާފައިވާ ފަރާތްތަކަށް ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތު އޮޓޮމެޓިކުން ކުޑަވާނެ ކަމަށެވެ.
އަދި އެ ލޯނު މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުމަށް ބޭނުންވާ ކަސްޓަމަރުން އަމަލުކުރަންޖެހޭ ގޮތާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް އަންގަމުންދާނެކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ މި ބަދަލާ އެކު ދުނިޔޭގެ ކޮންމެ ތަނަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް ވެސް ފަސޭހައިން ފަންޑިން ހޯދުމަށް ފުރުސަތު ލިބޭނެކަމަށެވެ.
ބީއެމްއެލްއިން ބުނީ ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް ދަރިވަރުންނަށް ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތައް ހިމެނޭހެން ކިޔެވުމުގެ ހަރަދުތަކުގެ 75 ޕަސެންޓާ ހަމައަށް ފައިނޭންސް ލިބޭނެ ކަމަށެވެ. އަދި މި ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރު ގެ މުއްދަތެއް ލިބޭނެކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.