Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ރައްޔިތުންގެ އާމްދަނީ އިތުރު ނުވަނީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން: ނަޝީދު

ސަރުކާރުގެ އާމްދަނީ އިތުރުވާއިރު، އާންމު ރައްޔިތުންގެ އާމްދަނީ އިތުރު ނުވަނީ މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ވަނީ އާމްދަނީ ދެގުނަވާނެ ގޮތެއް ހޯއްދަވައިދެއްވައި، އެމަނިކުފާނުގެ ވެރިކަމެއްގައި ޒުވާނުން ކޮފީއެއް ބޯން އެކައުންޓުގައި ފައިސާ ހުރި ވަރެއް ބަލަން ނުޖެހި ދިރިއުޅެވޭނެ ގޮތެއް ހޯދައިދޭނެ ކަމަށް ވިދާޅުވެފަ އެވެ.
ރޭ "ދިވެހި ޗެނަލް" އަށް ދެއްވި އިންޓަވިއުއެއްގައި އެކަން ތަފްސީލުކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ޕްރައިމަރީގެ ތެރެއިން ގިނަ ރަށްރަށަށް ދަތުރުކޮށް ގިނަ ގޭގެއަށް ޒިޔާރާތް ކުރެވުންއިރު، ފާހަގަވީ އެއް ކަމަކީ އާންމުންގެ އާމްދަނީ އިތުރުނުވާކަން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ފާއިތުވި 15 އަހަރުގެ ތެރޭގައި ދައުލަތަށް ޓެކްސް އިން ލިބޭ އާމްދަނީ އިތުރުވީ އިރު، ރައްޔިތުންގެ އާމްދަނީ އިތުރު ނުވަނީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުންނެވެ.
"މުހިންމު އެއް ކަމަކީ ދައުލަތުގެ އާމްދަނީ. ގަވަރމަންޓް ޓެކްސް ރެވެނިއު. އެ 10 ގުނަ ވެއްޖެ މިދިޔަ 15 އަހަރު ތެރޭގައި. ދެން އަހަން ޖެހޭ ސުވާލަކީ ގޭބީސީތަކުގެ އާމްދަނީ ކިތަށް ގުނަ ވޭހޭ. މެދު ސައިޒުގެ ރަށެއްގައި ވިކުރާ މި ހުންނަނީ ހަތަރު ފަސް ހާސް ރުފިޔާގަ. އަޅުގަނޑަށް ފެނުނީ މީ މައްސަލައެއް ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
"ދައުލަތުގެ އާމްދަނީ އިތުރުވެފަ، އާންމު ރައްޔިތުންގެ ތަނަވަސްކަމެއް އޭގެން ނާންނަނީ ކިހިނެއް ވެގެންތޯ، އެ ސުވާލު ކޮށްފިއްޔާ އެއީ ސަރުކާރު ހިއްސާވާ ކުންފުނީގެ ސަބަބުންނާއި ސަރުކާރުގެ ޑެފިސިޓުގެ ސަބަބުންނާއި، މާލީ ސިޔާސަތާއި އިގްތިސާދީ ސިޔާސަތުގެ ސަބަބުން،"
އެމްޑީޕީން ބާރު އަޅާ ކަމަކީ ހަމައެކަނި އުމްރާނީ ތަރައްގީ ގެނައުމުގެ ބަދަލުގައި އެންޓަޕްރިނިިއާޝިޕް ތަކަށް އެހީވެ، އެފަރާތްތަކުގެ ވިޔަފާރި ކުރިއެރުވުމަށް އެހީވުން ކަމަށެވެ. ނަމަވެސް މި ސަރުކާރުން ޒުވާނުންނާއި ކުދި ވިޔަފާރިތަކަށް އަޅާލަންވާ މިންވަރަށް އަޅައިނުލާ ކަމަށް ވިދާޅުވި އެވެ.
"އެމްޑީޕީ ބާރު އަޅަން ބޭނުންވަނީ އެންޓަޕްރިނިއާޝިޕަށް. އެންޓަޕްރައިޒިން ކަންކަމަށް، ވިޔަފާރީގައި ތަނަވަސްކަން ހޯދުމަށް. އަމިއްލަ މަސައްކަތްތައް މީހުން ކުރުމަށް. އެއީ ކޯޕަރޭޓިވްތައް މެދުވެރިކޮށްގެން ކަމުގައިވިޔަސް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އާއްމު ރައްޔިތުންގެ އާމްދަނީ އިތުރުވާނީ އެގޮތަށް ކަންތައް ކުރުމުން ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި އެ ބަދަލު ގެންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ