Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލެ ސިޓީ ކައުންސިލް

ސްޓެލްކޯއިން ބިމު ކުލީގެ ގޮތުގައި ސިޓީ ކައުންސިލަށް 68.3 މިލިއަން ދައްކަންޖެހޭ!

މާލެ ސިޓީ ކައުންސިލުން ސްޓެލްކޯއަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ބިމު ކުލީގެ ގޮތުގައި އެ ކުންފުނިން 68.3 މިލިއަން ރުފިޔާ ސިޓީ ކައުންސިލަށް ދައްކަންޖެހޭ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

ސްޓެލްކޯއަށް ދައްކަން ޖެހޭ ކަރަންޓު ބިލުތަކެއް ނުދައްކާ ކަމަށް ބުނެ އެންގުމަކާ ނުލައި ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ބައެއް ތަންތަނުން މިދިޔަ މަހުގެ 22 ވަނަ ދުވަހު ކަރަންޓު ކަނޑާލި އެވެ.
އެގޮތުން ކަރަންޓު ކަނޑާލި ތަންތަނުގެ ތެރޭގައި ލޮނު ޒިޔާރަތް ޕާކާއި، ސަލްޓަން ޕާކާއި، މާލޭގެ ލޭބާ ކުއާޓަރ، ބަދިގެއާއި، ގަސް ވިއްކާ ފިހާރައާއި، ވިލިމާލެ ސިޓީ ކައުންސިލް އޮފީހާއި، ވިލިމާލެ ލޭބާ ކުއާޓަރުގެ އިތުރުން ހުޅުމާލެ ސިޓީ ކައުންސިލް އޮފީސް ހިމެނެ އެވެ.
އެކަމާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ބައެއް ނޫސްތަކަށް އެ ދުވަހު ވިދާޅުވި ގޮތުގައި ކަރަންޓު ކަނޑާލީ ކައުންސިލުން ކަރަންޓު ބިލުގެ ގޮތުގާ ދައްކަން ޖެހޭ 20 މިލިއަނެއްހާ ރުފިޔާ ނުދައްކާ އޮތުމުންނެވެ.
އެކަމަކު ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު "ދިޔަރެސް" އަށް ވިދާޅުވީ 2021 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ޑިސެމްބަރު 2022 ގެ ނިޔަލަށް ކައުންސިލުން ކަރަންޓު ބިލުގެ ގޮތުގައި ސްޓެލްކޯއަށް 10,660,604.99ރ. ދައްކާފައިވާ ކަމަށެވެ.
އަދި 20 މިލިއަން ނުދައްކާ އޮތް ކަމަށް ސްޓެލްކޯއިން ބުނި ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނު އިރު ކަރަންޓު ބިލުގެ ގޮތުގައި ނުދެއްކި އޮތީ 16,519,796ރ. ކަމަށް މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 16.5 މިލިއަން ރުފިޔާ ނުދައްކައިގެން ސްޓެލްކޯއިން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބައެއް ތަންތަނުގެ ކަރަންޓު ކަނޑާލި އިރު، އެ ކުންފުނިން ކައުންސިލްގެ ބިންތަކަށް ކުލީގެ ގޮތުގައި 68,341,787ރ. ދައްކަންޖެހެ އެވެ.
އެއީ ކައުންސިލުން ސްޓެލްކޯއަށް ކުއްޔަށް ދޫކޮށްފައިވާ 49 ބިމަކުން ކުލީގެ ގޮތުގައި ދައްކަން ޖެހި، އެ ކުންފުނިން ނުދައްކާ އޮތް އަދަދެވެ. އޭގެ ތަފްސީލު ހިމެނޭ ލިޔެކިޔުންތައްވެސް މޭޔަރު މި ނޫހާ ހިއްސާކުރެއްވި އެވެ.

އޭގެ އިތުރުން ސްޓެލްކޯއިން 2021 ވަނަ އަހަރުން ފެށިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ބަންދުކޮށްފައިވާ މަގުތައް އަދިވެސް ނުހުޅުވާ އޮތުމުން މޭޔަރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ސްޓެލްކޯއިން ބަންދުކޮށްފައިވަނީ ކުޑަކުދިންގެ ބަގީޗާ ކޮއްޓާއި، ސްޓެލްކޯ އޮފީސް އިމާރާތް ހިމެނޭ ކޮއްޓާ ދޭތެރޭ އޮންނަ ކަށިމާ ހިނގުމާއި ސްޓެލްކޯ ޕަވާ ހައުސް ކޮއްޓާއި ކުޑަކުދިންގެ ބަގީޗާއާ ދޭތެރޭ ހުޅަނގުން އިރަށް އޮންނަ ފެންމީރު ހިނގުމެވެ. އެ މަގުތައް އެ ކުންފުނިން ބަންދުކޮށްފައި އޮތީ އާއްމުންނަށް ނުހިނގޭ ފަދަ ގޮތަކަށެވެ.
"ބޮޑުތަކުރުފާނު މަގާ އަމީނީ މަގާ ދޭތެރޭ ޓްރެފިކް ފްލޯއަށްވެސް ވަރަށް މުހިންމު ތިން މަގެއް ކަމުން މި މަގުތައް ހުޅުވާލުމަށް ކައުންސިލުން ފާސްކޮށް، ތަކުރާރުކޮށް ސްޓެލްކޯގައި ދެންނެވިއްޖެ. ނުވަތަ ޓައިމްޓޭބަލެއް ވިޔަސް ދެ ފަރާތުން މަޝްވަރާ ކޮށްގެން ކަނޑަ އަޅަންވެސް އެދިފައިވާނެ. އެކަމަށްވެސް އެއްވެސް ޖަވާބެއް ނުދޭ،" މޭޔަރު ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ