Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އައްޑޫ ސިޓީ

ޕްރައިމަރީގެ ވޯޓާ ދިމާކޮށް ފޭދޫން ގޯތި ދޫކުރަން ކުރި އިއުލާނު ކެންސަލްކޮށްފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް އައްޑޫ ސިޓީގެ ފޭދޫން ގޯތި ދޫކުރަން ކުރި އިއުލާނު ބާތިލުކޮށް، ގޯތި ހޯދުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ބަންދުކޮށްފިއެވެ.

މިހާތަނަށް އެކަން ބަންދުކޮށް ގޯތި ހޯދުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ބަންދުކުރި ސަބަބެއްކަމަށް ފޭދޫ އަވަށު އޮފީހުން ބުނެފައިވަނީ އެކަމަށް ބޭނުންކުރި ފޯމުގައި މައްސަލައެއް އޮތުމެވެ. އަލުން ފުރުސަތު ހުޅުވައިލާނީ ސިޓީ ކައުންސިލުން ފޯމުގައި ހުރި މައްސަލަތައް އިސްލާހުކޮށް ފޮނުވުމުންކަމަށްވެސް ފޭދޫ އަވަށު އޮފީހުން ބުނެއެވެ.

ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުޑަތަންވެފައިވަނިކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވާ މެންބަރުން ގިނައިން ތިއްބެވި އައްޑޫ ސިޓީ ކައުންސިލުންވަނީ އައްޑޫ ފޭދޫއާއި ހިތަދޫން ގޯތި ދޫކުރަން އިއުލާނުކޮށްފައެވެ. ފޭދޫން ގޯތި ދޫކުރާ ސަރަހައްދަކީ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިއްކާފައިވާ ސަރަހައްދެކެވެ.

ޕްރައިމަރީއާ ދިމާކޮށް ގޯތި ދޫކުރަން އިއުލާނުކުރުމުން އެ ޕްރައިމަރީގައި ރައީސް އިބްރާހީމާ ވާދަކުރެއްވި ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން އެކަން ސިފަކުރީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި އޮޅުވައިލުމަށް ހިންގި ޖަރީމާއެއްގެ ގޮތުގައެވެ.

ކައުންސިލުން ފޭދޫން ގޯތި ދޫކުރަން ނިންމައި އެކަން އިއުލާނުކުރީ ދަންވަރުގެ ވަގުތެއްގައެވެ. އެ އިއުލާނުގައި އެ އަވަށުން 300 ގޯތި ދޫކުރަން އިއުލާނުކުރިއިރު އެއިން 270 ގޯއްޗަކީ ފޭދޫ ރައްޔިތުންނަށް ޚާއްޞަކޮށް ދޫކުރަން އިއުލާނުކުރި ގޯއްޗެވެ. ބާކީހުރި 30 ގޯތި ދޫކުރަން އޮތީ އައްޑޫގެ އެހެން އަވަށްތަކުގެ ރަށްވެހިންނަށެވެ.

އައްޑޫ ސިޓީގެ އިތުރަށް މާލެ ސަރަހައްދުން ދޫކުރަން ސަރުކާރުން އިއުލާނުކޮށްފައިވާ 5،000 ގޯތީގެ ތެރެއިން ހުޅުމާލެ ސަރަހައްދުން މާލޭ ރައްޔިތުންނަށް ދޫކުރާ 1،250 އަކަފޫޓުގެ 1،000 ގޯތި ދޫކުރާނެ ސަރަހައްދު ސާފުކޮށް ސަރަހައްދު ކަނޑައެޅީވެސް ރިޔާސީ ޕްރައިމަރީގެ ވޯޓުލުމަށް ދެތިން ދުވަހަށް ވެފައިވަނިކޮށެވެ.

އައްޑޫއާއި މާލޭގައި ރައީސް އިބްރާހީމުގެ ކެމްޕެއިން ޓީމުން ވަކިވަކި ފަރުދުންނަށް ގުޅައި އެމަނިކުފާނަށް ތާއީދުކުރާނަމަ ގޯތި ލިބޭނެކަމުގެ ޔަގީންކަން ދެމުންއައެވެ. އަދި ގޯތި ލިބޭނެ ފަރާތްތަކުގެ ލިސްޓެއް އެކުލަވައިލައިގެން ގެންގުޅެނެވެ.

މި ލިއުމާއި ގުޅޭ