ރެކޯޑު މިންވަރަކަށް ބޯހިޔާވަހިކަމެއް ނެތި މަގުމަތީގައި ދިރިއުޅޭ މީހުންގެ އަދަދު ސްކޮޓްލޭންޑުގައި ކުރިން ރެކޯޑުކުރެވިފައި ނެތް މިންވަރަކަށް އިތުރުވެއްޖެއެވެ.
އެ ޤައުމުގެ ސަރުކާރުން އަންގާރަދުވަހު ހިއްސާކުރި ހިސާބުތަކަށް ބަލާއިރު 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި ބޯހިޔާވަހިކަމެއް ނެތެ މަގުމަތީގައި އުޅޭ މީހުންގެ ގޮތުގައި ރަޖިސްޓަރީވުމަށް 28،944 މީހަކު ފޯމު ހުށަހަޅާފައިވެއެވެ. އެއީ 2002 ވަނަ އަހަރުގައި ބޯހިޔާވަހިކަމެއް ނެތި މަގުމަތީގައި ދިރިއުޅޭ މީހުންގެ ރެކޯޑުތައް ބަލަހައްޓަން 2002 ވަނަ އަހަރު ސްކޮޓްލޭންޑުގެ ސަރުކާރުން ފެށިފަހުން މިހާތަނަށް ރެކޯޑުކުރެވުނު އެންމެ ގިނަ އަދަދެވެ.
އަންގާރަދުވަހު ޝާއިއުކުރި ހިސާބުތަކަށް ބަލާއިރު 2021 ވަނަ އަހަރާ އަޅާބަލާއިރު 2022 ވަނަ އަހަރު މަގުމަތީ ދިރިއުޅޭ މީހުންގެ އަދަދުވަނީ %11 އިން އިތުރުވެފައެވެ.
ސެޕްޓެންބަރު މަހުގެ ކުރިން ފާއިތުވި 6 މަސްދުވަހުގެ މުއްދަތުގައި ބޯހިޔާވަހިކަމެއް ނެތި މަގުމަތީ ދިރިއުޅޭ މީހުންގެ ގޮތުގައި ރަޖިސްޓަރީވުމަށް 19،066 މީހަކު ފޯމު ހުށަހަޅާފައިވެއެވެ. އެއީ 2021 ވަނަ އަހަރާ އަޅަބަލާއިރު %6 އިތުރުވުމެކެވެ. އަދި ކޮވިޑް-19 އާލަމީ ވަބާގެ ކުރިއަށްވުރެވެސް އިތުރު އަދަދެކެވެ.
އޭގެ އިތުރަށް ވަގުތީ ހިޔާތަކުގައި ތިބެންޖެހިފައިވާ ކުޑަކުދިންގެ އަދަދުވެސް އަހަރުން އަހަރަށްވަނީ އިތުރުވެފައެވެ. އެގޮތުން 2021 ވަނަ އަހަރާ އަޅާބަލާއިރު އެފަދަ ކުދިންގެ އަދަދުވަނީ 10 އިންސައްތަ އިތުރުވެ، 9،130 އަށް އަރާފައެވެ.
އަމިއްލަ މީހުން ކުއްޔަށް ދީފައިވާ ތަންތަނުގައި ދިރިއުޅޭ ގޭބީސީތަކުގެ ތެރެއިން 19 އިންސައްތަ ގެދޮރާއި ބޯހިޔާވަހިކަމުން މަހުރޫމުވެފައިވާ ކަމަށެވެ.
ސްކޮޓްލޭންޑުގެ ހައުސިން މިނިސްޓަރު ޝޮނާ ރޮބިންސަން ވިދާޅުވެފައިވަނީ މި ހިސާބުތަކަކީ ވަރަށް ބިރުވެރި އަދަދުތަކެއް ކަމަށެވެ. އަދި ބޯހިޔާވަހިކަމެއް ނެތި މަގުމަތިވާ މީހުން ގިނަވުމުގެ މައްސަލަ ހައްލުކުރުމަށް ޚާއްޞަ އެކްޝަން ޕްލޭނެއް އެކުލަވައިލާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.