ދުނިޔޭގެ ފިރިހެނުން ތެރެއިން އެންމެ އުމުރު ދިގު ފިރިހެނުންނަކީ ސުވިޒްލޭންޑުގެ ފިރިހެނުންކަމަށް އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް (އޯއީސީޑީ)ގެ ހިސާބުތަކުން ދައްކައިފިއެވެ.
އޯއީސީޑީން އަންދާޒާކުރާ ގޮތުގައި 2021 ވަނަ އަހަރު ސުވިޒްލޭންޑަށް އުފަންވި ފިރިހެންކުދިންގެ އެވެރެޖު އުމުރަކީ 81.9 އަހަރެވެ. މިހާރު ސުވިޒްލޭންޑުގެ އަންހެނުންގެ ދުނިޔޭގައި އުޅޭނެކަމަށް އަންދާޒާކުރާ އުމުރަކީ 85.6 އަހަރެވެ. ފިރިހެނުން އުޅޭނެކަމަށް އަންދާޒާކުރާ އުމުރަކީ 81.6 އަހަރެވެ.
ސުވިޒްލޭންޑުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ޤަރުނަކަށްވުރެ ގިނަ ދުވަސްވީ ސުވިސް ރައްޔިތުންގެ އަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން 1990 ވަނަ އަހަރު ޤަރުނަކަށްވުރެ ދޮށީ މީހުންގެ ގޮތުގައި އެ ޤައުމުގައި ރަޖިސްޓަރީވެފައި ތިބި މީހުންގެ އަދަދަކީ 377 މީހުންނެވެ. 2000 ވަނަ އަހަރު އެ އަދަދު 787 އަށް އިތުރުވިއެވެ. އަދި މިހާރު 1،888 މީހަކު ޤަރުނަކަށްވުރެ ދޮށީ މީހުންގެ ގޮތުގައި ރަޖިސްޓަރީވެފައިވެއެވެ.
ޔުނިވާސިޓީ އޮފް ލޮސާނޭގައި އުމުރުން ޤަރުނަކަށްވުރެ ދޮށީ މީހުންނާ ގުޅޭ ދިރާސާތައް ހަދާ ޕްރޮފެސަރެއްކަމަށްވާ ޑެނިއެލާ ޖޮޕް ވިދާޅުވީ ޑެމޮގްރަފަރުން އަންދާޒާކުރާގ ގޮތުގައި 2000 ވަނަ އަހަރުގެ ފަހުން ސުވިޒްލޭންޑުގައި އުފަންވާ ކޮންމެ ދެ މީހަކުން ކުރެ އެކަކީ ޤަރުނަކަށްވުރެ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެ މީހެއްކަމަށެވެ.
ޔުނިވާސިޓީ އޮފް ފްރިބޯގުގެ ޕްރޮފެސާ ސްޓަފާން ކުލާޓީ ދެކެވަޑައިގަންނަވާ ގޮތުގައި ޤައުމެއްގެ މީހުންގެ އެވެރެޖު އުމުރު ހުންނާނެކަމަށް ލަފާކުރާ މިންވަރާއި އެޤައުމެއްގެ ތައުލީމީ ފެންވަރުގެ މެދުގައި ގުޅުމެއް އޮވެއެވެ.
"ޔުނިވާސިޓީ ދަސްވެނިންނާއި އަސާސީ ތައުލީމު އެކަނި ފުރިހަމަކުރާ މީހުންގެ އުމުރުގެ ދިގުމިނުގެ ފަރަގަކީ ފުދޭވަރެއްގެ ތަފާތެއް، ޚާއްޞަކޮށް ފިރިހެނުންގެ މެދުގައި އެ ތަފާތު ބޮޑު،" ސްޓެފާނީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިއްހަތު ރަނގަޅުނަމަ އެވެރެޖުކޮށް މިހާރު ޔުނިވާސިޓީ ދަސްވެނިން އަސާސީ ތައުލީމު ލިބިފައިވާ މީހުންނަށްވުރެ އިތުރަށް 8.8 އަހަރެ ދިރިއުޅެއެވެ. 1994 ވަނަ އަހަރުގައި އެ ތަފާތު ހުރީ 7.6 އަހަރުގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.