އިންޓަރސްކޫލް ބާސްކެޓްބޯޅަ މުބާރާތް ބެލުމަށް 18 އަހަރުން މަތީގެ މީހުން އަތުން 250ރުފިޔާ ނެގުމަށް ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ބެލެނިވެރިން ފާޅުކުރުމާ ގުޅިގެން، އެކަން އެގޮތަށް ނުކުރުމަށް އެޑިއުކޭޝަނުން އެންގުމުން ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން އެރުޅި ބެލެނިވެރިންނަށް ބާލައިފިއެވެ.
އެއާއެކު އެޑިއުކޭޝަންގެ ސަމާލުކަމަށް "ދިޔަރެސް" އިން ވާނީގެނެސްފައެވެ. އެކަން އެންގުމާއެކު ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން ސްކޫލުތަކަށް އަންގާފައިވަނީ ފައިސާ ނުނަގައި މުބާރާތް ބާއްވާނަމަ އޮތް ގޮތަކީ މުބާރާތް ފަސްކޮށް، މުބާރާތް ކުޅޭ ފޯމެޓަށް ބަދަލުގެނައުމެވެ. އެގޮތުން ކުރިން މުބާރާތް ކުޅެން ހަމަޖެހިފައިވަނީ ގްރޫޕް ސްޓޭޖް ފޯމެޓަށެވެ. ނަމަވެސް މިހާރު ކުރިއަށް ގެންދެވޭނީ ނޮކްއައުޓް އުސޫލުން ކަމަށް ސްކޫލުތަކަށް ވަނީ އަންގާފައެވެ.
ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށް 4 މެޗް ކުޅެން ލިބޭއިރު، މިހާރު ނޮކްއައުޓުކޮށް މުބާރާތް ކުޅެން ޖެހުމުން އެންމެ މެޗަކުން ބަލިވި ނަމަވެސް އެޓީމެއް ކެޓީއެވެ. އިތުރު މެޗެއް ކުޅެން ނުލިބޭނެއެވެ.
މިކަން މިގޮތަށް ނިންމާފައިވާއިރު، މި މުބާރާތަށް އަތޮޅުތަކުން ވެސް ޓީމުތައް ވަނީ އައިސްފައެވެ. މުބާރާތް ލަސްކުރުމުން އެކުދިންގެ ކިޔެވުމުން ދުވަސްތަކެއް ގެއްލޭއިރު، އެޓީމުތައް ބޮޑު އަގުގައި ޓިކެޓް ނަގައިގެން އައިސް އެންމެ މެޗެއް ކުޅެފައިދާކަށް ބޭނުމެއް ނޫނެވެ. އެކަމާ ގުޅިގެން އަތޮޅުތަކުގެ ސްކޫލް ތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އެސޯސިއޭޝަނުން އަންގާފައިވަނީ ދެން އިތުރު ޗޮއިސް އެއް ނެތް ކަމަށެވެ.
ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މިއީ މުޅިން އަލަށް މިހާ ބޮޑު އަދަދެއް ނަގައިގެން ލޯކަލް މުބާރާތެއް ކުރިއަށް ގެންދަން މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ.
އެހެން އެސޯސިއޭޝަންތަކުން ބާއްވާ އިންޓަސްކޫލު ހުރިހާ މުބާރާތް ބެލުމަށް ހިލޭ ބެލެނިވެރިންނަށް ވަދެވޭކަން ފާހަގަ ކޮށްލެވެއެވެ.