އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން އުފުލަމުންދާ ދައުވާތަކުގެ ޝަރީޢަތް ޝަރުޢީ ނިޒާމުގެ ތެރެއިން ހިންގަމުންދާ ގޮތަކީ ދިވެހިރާއްޖޭގެ މުޅި ޝަރުޢީ ނިޒާމުގައި ޖެހޭ ބޮޑު ލައްގަނޑެއްކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ އިސްވަކީލު އަދި ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނުގެ ޤާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ.ޖަމީލު ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީޢަތްތައް ކުރިއަށްގެންދަވާ ޤާޟީންނަށް ލިބޭ ޕްރޮމޯޝަނާއި އެ މައްސަލަތައް ޝަރުޢީ ނިޒާމުގެ ތެރެއިން ދަތުރުކުރާ ގޮތަށް ބަލާއިރު އެ މައްސަލަތައް ހިންގާ ގޮތަކީ މުޅި ޝަރުޢީ ނިޒާމުގައި ޖެހޭ ލައްގަނޑެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
މިފަދައިން ޖަމީލު ވިދާޅުވީ އެންމެ ފުރަތަމަ ރައީސް ޔާމީނުގެ މައްޗަށް ދައުވާކުރި ގއ.ވޮޑަމުއްލާ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ހުކުމްކުރެއްވި އެއިރުގެ ކުރިމިނަލް ކޯޓުގެ ޤާޟީ އަލީ ރަޝީދަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ދިނުމާއި، ދެވަނައަށް އުފުލި އާރަށުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ހުކުމްކުރެއްވި ކުރިމިނަލް ކޯޓުގެ އިސްޤާޟީ އަޙްމަދު ޝަކީލު ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ޑރ.ޖަމީލު ވިދާޅުވީ ފަނޑިޔާރުކަމަށް މީހުން އައްޔަންކުރާނެ ގޮތްތައް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ފަނޑިޔާރުންގެ ޤާނޫނާއި، ޖޭއެސްސީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެކަމާމެދު ވަކީލެއްގެ ހައިސިއްޔަތުން މާ ބޮޑު ވާހަކައެއް ދައްކަވަން ނެތް ކަމަށެވެ.
އެހެންނަމަވެސް ކަންބޮޑުވާ ކަންކަން ފާހަގަކުރައްވަމުން ޑރ.ޖަމީލު ވިދާޅުވީ އާރަށް މައްސަލާގައި ވަރަށް ބޮޑަށް ސަބަބުވެރި އިންސާނާގެ ޓެސްޓު ނުވަތަ ރީޒަނަބަލް މޭންގެ ޓެސްޓު ބޭނުންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ޓެސްޓަކީ ޖިނާއީ ޤާނޫނުގައި ކުށް ސާބިތުކުރުމަށް އޮންނަ ބުރަދަން ބޮޑު މިންގަނޑު ފަހަނައަޅައި ދިއުމަށް ބޭނުންކުރާ ޓެސްޓެއް ނޫންކަމަށާއި އެއީ މަދަނީ ޤާނޫނުގެ މިންގަނޑެއް ކަމަށްވެސް ޑރ.ޖަމީލު ވިދާޅުވިއެވެ.
އިތުރަށް ޑރ.ޖަމީލު ފާހަގަކުރެއްވީ އެހެންނަމަވެސް ފަނޑިޔާރުން އައްޔަންކުރުމާ ގުޅޭ ގޮތުން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ފަނޑިޔާރުންނަށް ވަޒީފާގެ ކުރިއެރުން ދިނުމާއި ރައީސް ޔާމީނުގެ މައްސަލައާ ގުޅިފައި ހުރީ މާ ބޮޑު އިއްތިފާޤުތަކެއް ކަމަށެވެ. "ސަަބަބުވެރި ވިސްނުމަކުން ވިސްނާނަމަ، މިހާރުގެ ސަރުކާރު އުފެދުމާއެކު، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ރައީސް ޔާމީނުގެ މައްސަލަތައް ބައްލަވާ ޤާޟީންނަށް ލިބޭ ޕްރޮމޯޝަނާއި، އެ ޕްރޮމޯޝަން ދަތުރުކުރާ މިސްރާބަށް ބަލާއިރު ވަރަށް ބައިވަރު އިއްތިފާޤުތައް އެބަހުރޭ،" ޑރ.ޖަމީލު ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ މައްސަލައާ ގުޅިގެން ހުރި މި އިއްތިފާޤުތަކަށް ބަލާއިރު އެ އިއްތިފާޤުތަކުގެ ސަބަބުން ރައީސް ޔާމީނުގެ މައްސަލަ ގެންގޮސްފައިވާ ގޮތަކީ ސީދާ ރާއްޖޭގެ ޝަރުޢީ ނިޒާމުގައި ޖެހޭ ލައްގަނޑެެއްކަމަށް ޑރ.ޖަމީލު ވިދާޅުވިއެވެ.