ބާ ދަގަނޑު ބަރުކޮށްގެން ދަތުރުކުރި އިންޑިއާ ބޯޓެއް ތިލަފުށީ ކުޑަފަރަށް އަރައިފިއެވެ.
މިކަން އީޕީއޭއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ނައީމް "ދިޔަރެސް"އަށް ވިދާޅުވީ ބާ ދަގަނޑު ބަރުކޮށްގެން ދަތުރުކުރި އިންޑިއާ ބޯޓެއް ތިލަފުށީ ކުޑަފަރަށް އެރި މައްސަލައެއް އެ އެޖެންސީގެ ސަމާލުކަމަށްވެސް އައިސްފައިވާކަމަށާއި މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކާއެކު ކުރިއަށް ގެންދާކަމަށެވެ.
ތިލަފުށީ ފަރަށް އިންޑިއާގެ ބޯޓު އަރާފައިވާތަން ފެނިފައިވާ އެ ސަރަހައްދުގައި މަސައްކަތްކުރާ މުވައްޒަފަކު "ދިޔަރެސް"އަށް ބުނީ އެ ބޯޓު ފަރަށް އަރާފައިވާތާ ވަރަށް ގިނައިރުވެފައިވާކަމަށެވެ.
އޭނާ ބުނީ ބޯޓު ފަރަށް އަރާފައިވާތަން ފެނުނީ މިއަދު ހެނދުނު 10:00 ޖަހާ ހާއިރުކަމަށާއި ފެނުމާއިއެކު މެރިން ޓްރެފިކް ސިސްޓަމްއިން ބެލިއިރު ބޯޓު ފަރަށް އަރާފައިވަނީ ދެ ގަޑިއިރަށްވުރެވެސް ކުރިންކަމަށެވެ. އެހެންކަމުން ބޯޓު ފަރަށް އަރާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައިކަމަށް އޭނާ ބުނެފައިވެއެވެ.
އެއީ އިންޑިއާއިން ތަރުކާރީ ފަދަ ތަކެތި ހިފައިގެން އަންނަ ބޯޓެއް ކަމަށާއި މި ބޯޓު ވަރަށް ގިނައިން ދަނގަޑު ބަރުކުރަން ތިލަފުށްޓަށް އަންނަކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އޭނާ ބުނީ އެމްއެސްވީ.އެމްއެސް ރިޔަނަ ނަމަކަށް ކިޔާ އެ ބޯޓަކީ އިންޑިއާގެ ޓުޓިކޯރިންއަށް ދަތުރުކުރަމުން ދިޔަ ބޯޓެއްކަމަށެވެ.
އަދި ކަސްޓަމްސްއިން މޮނިޓަރ ކުރެވޭގޮތަށް ތައްޔާރުކުރެވިފައި ހުރި ބައިވަރު ބަނދަރުތައް ހުރި އިރު މިފަދައިން ހުއްދަ ނޯންނަ ބަނދަރުތަކަށް ބޭރުގެ ބޯޓުތައް ކައިރިކޮށް އެއްޗެހި ބަރުކުރުމަކީ ވަރަށް ނުރައްކާ ކަމެއްކަމަށްވެސް އޭނާ ބުނެފައިވެއެވެ.