މިއަދު ގައުމު ވެއްޓިފައި އޮތް ހާލަތުން ސަލާމަތްކޮށްދެވޭނެ ވެރިއަކީ އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިފަދައިން ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ފަރާތުން "ބުންވަރު" ގެ ނަމުގައި ބޮޑު ހިނގާލުމަށް ރައްޔިތުންނަށް ދައުވަތު ދެއްވުމަށް ކުރެއްވި ޓްވީޓެއްގައެވެ.
އޭނާ ވިދާޅުވީ ގައުމު މިއަދު ވެއްޓިފައި އޮތް ނިކަމެތި ހާލަތުން ސަލާމަތްކޮށްދެވޭނެ ވެރިއަކީ ރައީސް ޔާމީންކަމަށާއި އަދި ޕީޕީއެމްގައި އެ ހިތްވަރު އެބަހުރިކަމަށެވެ.
މިކަން ފާހަގަކޮށް ޣައްސާން ވަނީ ރައީސް ޔާމީން މިނިވަންކޮށް ވެރިކަމަށް އިންތިހާބު ކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް އެންމެހާ ރައްޔިތުންނަށް ދައުވަރު އަރުއްވާފައެވެ.
އިދިކޮޅުގެ ބުންވަރު ހިނގާލުން އޮންނާނީ 3 ފެބްރުއަރީވާ ހުކުރު ދުވަހުގެ ހަވީރު 4:00 ޖަހާއިރެވެ. އަދި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.
ރައީސް ޔާމީން ޖަލަށްލިފަހުން މިހާތަނަށް ޕީޕީއެމް އިން ވަނީ އެއް ބޮޑު ހިނގާލުން ބާއްވާފައެވެ. "ބުންވަރު' ހިނގާލުން ވެގެންދާނީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ހިނގާލުން ކަމަށް ޕީޕީއެމްއިން ބުނެފައިވެއެވެ.