Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެސްޓީއޯ

އެސްޓީއޯއިން ކުދި ވިޔަފާރިތަކާ ވާދަ ކުރަނީ!؟

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން އާންމު ވިޔަފާރިތަކުން ވިއްކާ ބާވަތުގެ މުދާ ގެނެސް މާ އަގުހެޔޮކޮށް ވިއްކައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ވާދަކުރާތީ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވިޔަފާރިވެރިއަކު "ދިޔަރެސް" އަށް މައުލޫމާތު ދިން ގޮތުގައި އެސްޓީއޯއިން ވަނީ ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް އާދައިގެ ވިޔަފާރިތަކުން ގެންނަ ބާވަތްތަކުގެ ގިނަ މުދާ ގެނެސްފަ އެވެ. އެގޮތުން ބަދިގޭގައި އަދި ކެއްކުމަށް ބޭނުންކުރާ ގިނަ ސާމާނު ގެނެސް، މާލޭގައި އެ ވިޔަފާރި ކުރާ އެހެން ފަރާތްތަކަށް ވުރެ އަގުހެޔޮކޮށް ވަނީ ވިއްކަން ފަށާފަ އެވެ.

އެސްޓީއޯއިން އެތަކެތި ގެނެސް ވިއްކަނީ އަސްލު ތަކެތި ގަތް އަގަށްވުރެ ހެޔޮ އަގުގައި، ގެއްލުމުގައި ކަމަށް އަމިއްލަ ވިޔަފާރިވެރިން ބުނެ އެވެ. ކުދި ވިޔަފާރިތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީ އެވެ.

"އަޅުގަނޑުމެންވެސް ގަންނަ ތަނުން އެމީހުން [އެސްޓީއޯއިން އެ ބާވަތުގެ މުދާ] ގަންނަނީ. ލިބޭނެ އަގު އެނގޭ. އެކަމަކު އައިސް މާ ކުޑަ އަގުގައި ވިއްކައި އެހެން އަމިއްލަ ކުދި ވިޔަފާރިތަކާ ވާދަކުރަނީ،" "ދިޔަރެސް" އަށް މައުލޫމާތު ދިން ވިޔަފާރިވެރިއަކު ބުންޏެވެ.
އެގޮތަށް ނުއަގުގައި ތަކެތި ވިއްކުމަށް ކިޔަނީ "ޕްރިޑޭޓަރީ ޕްރައިސިން" އެވެ. ޕްރިޑޭޓަރީ ޕްރައިސިންގެ އުކުޅަކީ ވާދަވެރިން ފައްސާލުމަށް އާދަޔާ ހިލާފަށް ދަށް އަގެއްގައި ތަކެތި ވިއްކުމެވެ. އަދި ވާދަވެރިން މާކެޓުން ދިއުމުން ނުވަތަ ވާދަވެރި ވިޔަފާރިތައް ހުއްޓުމުން، ފައިދާ ބޮޑުކުރަން އަގުތައް މަތިކުރުމެވެ. އެއީ ގިނަ ގައުމުތަކުގައި އެންޓި ކޮމްޕެޓިޓިވް އަދި ގާނޫނާ ވެސް ހިލާފު ކަމެކެވެ.
ނަމަވެސް ރާއްޖޭގައި އެކަން މަނާކުރާ ގާނޫނެއް ނޯވެ އެވެ.

އެސްޓީއޯއިން އެންމެ ބޮޑު އާމްދަނީއެއް ހޯދަނީ ތެލުންނެވެ. ތެލުގެ ވިޔަފާރިން ލިބޭ ބޮޑު މަންފާގެ ސަބަބުން އެހެން މުދާ ގެނެސް ނުއަގުގައި ވިއްކި ނަމަވެސް އެ ކުންފުންޏަށް ގެއްލުމެއް ނުލިބޭނެ އެވެ. އެހެންކަމުން އަމިއްލަ ވިޔަފާރިތަކަށް އެސްޓީއޯއިން ވިއްކާ އަގުގައި އެ މުދާ ނުވިއްކޭނެ އެވެ.

ސަރުކާރުން އަމިއްލަ ވިޔަފާރިތަކާ ވާދަ ނުކޮށް، އާންމުނަށް ފުރުސަތު ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އަދި ސަރުކާރުން ޕްރައިވެޓް ވިޔަފާރީގެ ތެރެއަށް ވަދުމަކީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ވެސް ދެކޮޅު ކަމެކެވެ.
"އެކަމަކު މިހާރު އެސްޓީއޯއިން ދަނީ އެންމެ އާންމު މީހުން ކުރާ ވިޔަފާރިތައް ކުރަމުން، ވަރަށް އާދައިގެ ތަކެތިވެސް އެސްޓީއޯއިން ވިއްކާ، އެސްޓީއޯއިން އާންމު ވިޔަފާރިވެރިން ދައްކަންޖެހޭ ވަރުގެ ބޮޑު ކުއްޔެއް ބިމަށް ދައްކާކަށް ނުޖެހޭ. ގުދަންތައް ހުރޭ. މިހެން ގޮސް އެތައް ކަމެއް އޮންނައިރު އެސްޓީއޯއިން އާންމު ވިޔަފާރިތަކަށް ވަނުމަކީވަރަށް ބޮޑު ކަންބޮޑުވުމެއް،" ވިޔަފާރިވެރިއަކު ބުންޏެވެ.
މިކަމާ ގުޅިގެން އެސްޓީއޯގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
މި ލިއުމާއި ގުޅޭ