ފާއިތުވި އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރުގައި ޤަތަރުގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗެއް ބައްލަވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު އަދި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ޤަތަރަށް ވަޑައިގަންނަވަން ކުރި ހަރަދުގެ ތަފްސީލު ހޯދަން "ދިޔަރެސް" އިން އެދުމުން ރައީސް އޮފީހުން އެ މައުލޫމާތު ނުދިނެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގު ގެ ޤާނޫނުގެ ދަށުން "ދިޔަރެސް" އިން މި މައުލޫމާތަށް އެދުމުން ޤާނޫނުގައި ބުނާ މުއްދަތު ހަމަވުމުން ރައީސް އޮފީހުން ވަނީ 14 ދުވަސް މުއްދަތަށް އިތުރުކޮށްފައެވެ. އެ 14 ދުވަސް ހަމަވެ އެތައް ދުވަހެއް މިހާރުވެފައިވާއިރުވެސް ރައީސް އޮފީހުން އެ މައުލޫމާތު ނުދެއެވެ.
ރައީސް އިބްރާހީމް ޤަތަރަށް ވަޑައިގެންނެވީ އެ ޤައުމުގެ އަމީރުގެ ދައުވަތަކަށް ކަމަށް ވިދާޅުވެއެވެ. އަދި ޓިކެޓު ފިޔަވައި އެހެން ހަރަދުތައް ހަމަޖައްސަނީ ޤަތަރުގެ ސަރުކާރުން ކަމަށްވެސް ވިދާޅުވިއެވެ. އެހެން ނަމަވެސް އެނބުރި ވަޑައިގަތީ ޤަތަރުގެ އަމީރާއި ބައްދަލުވެވަޑައިނުގަނެއެވެ.
ވޯލްޑް ކަޕް ސެމީ ފައިނަލުގެ މެޗުތައް ބައްލަވައިލައްވަން ރައީސް ކުރެއްވި ދަތުރުފުޅަށް 4 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައި އޮތެވެ. އިޤުތިޞާދީ ގޮތުން ދަތި އަދި ރައްޔިތުންގެ އަތްމަތި ތަދު ދުވަސްވަރެއްގައި ފުޓުބޯޅަ މެޗެއް ބައްލަވަން ރައީސް ވަޑައިގަންނަވާތީ އާންމުން ފާޑުކިޔަން ފެށުމުން ރައީސް އަމިއްލަ ޚަރަދުގައި ޓިކެޓް ނަގަން ނިންމަވައި އެކަން ސަރުކާރުން އިއުލާނުކުރިއެވެ. ނަމަވެސް ރައީސާއެކު ދަތުރުކުރި ބޮޑު ވަފުދުގެ ޓިކެޓާއި އެހެނިހެން ޚަރަދުތައް ހަމަޖައްސާފައިވަނީ ކިހިނެއްކަން މިހާތަނަށް ސަރުކާރުން ހާމަނުކުރެއެވެ.
ރައީސް އިބްރާހީމްގެ މިފަދަ ދަތުރުފުޅުތަކަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރަން ޖެހެއެވެ. މިދިޔަ އަހަރު އިނގިރޭސީ ރާނީ އެލިޒަބަތު 2 ގެ ޖަނާޒާގައި ބައިވެރިވުމަށް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެއްވިއެވެ. ވެރިކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ދެއްވި ބަސްދީގަތުމެއްގައި ރައީސް އިބްރާހީމް ވިދާޅުވި ގޮތުގައި އެމަނިކުފާނަކީ ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރާ ހިތްވާ ބޭފުޅެކެވެ.