ފެށުނު 2023 ވަނަ އަހަރު ދުނިޔޭގެ އިޤުތިޞާދީ ކުރިއެރުން ހުންނާނެކަމަށް ކުރިން އައިއެމްފުން ލަފާކުރި ވަރަށްވުރެ މި އަހަރު ކުޑަކޮށް ރަނގަޅުވާނެކަމަށް އެ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ބުނި ގޮތުގައި ކުރިން ލަފާކުރި ވަރަށްވުރެ ދުނިޔޭގެ އިޤުތިޞާދު ރަނގަޅުވާނެކަމަށް ބަލަނީ އެމެރިކާއާއި ޔޫރަޕުގައި އޮތް ޑިމާންޑަށާއި ޗައިނާއިން ގެންގުޅުނު ޒީރޯ-ކޮވިޑުގެ ސިޔާސަތު ނިމުމަކަށް ގެނައުމާ ގުޅިގެންނެވެ.
ދުނިޔޭގެ އިޤުތިޞާދީ ކުރިއެރުން ކުޑަކޮށް ރަނގަޅުވާނެކަމަށް އަންދާޒާކުރި ނަމަވެސް 2022 ވަނަ އަހަރު 3.4 އިންސައްތައިގައި ހުރި ދުނިޔެގޭ އިޤުތިޞާދީ ކުރިއެރުން މި އަހަރު ހުންނާނެކަމަށް އައިއެމްއެފުން ލަފާކުރަނީ 2.9 އިންސައްތައިގައެވެ. ކުރިން އައިއެމްއެފުން ލަފާކުރި ގޮތުގައި މި އަހަރު ދުނިޔޭގެ އިޤުތިޞާދީ ކުރިއެރުން ހުންނާނީ 2.7 އިންސައްތައިގައެވެ.
އަންނަ 2024 ވަނަ އަހަރަށް އައިއެމްއެފުން ލަފާކުރާ ގޮތުގައި ދުނިޔޭގެ އިޤުތިޞާދީ ކުރިއެރުން ހުންނާނީ 3.1 އިންސައްތައިގައެވެ. މަރުކަޒީ ބޭންކުތަކުން ޕޮލިސީ އިންޓަރެސްޓު ރޭޓު މަތިކޮށްފައިވާތީ އަންނަ އަހަރުވެސް ޑިމާންޑު ދަށްވާނެކަމަށް އެ އިދާރާއިން ދެކެއެވެ.
އައިއެމްއެފްގެ ޗީފް އިކޮނޮމިސްޓް ޕިއެރޭ އޮލިވިއާ ގޮރިންޗާސް ވިދާޅުވެފައިވަނީ މި ވަގުތަށް ދުނިޔޭގެ އިޤުތިޞާދު ތަދުމަޑުކަމެއްގެ ތެރެއަށް ވެއްޓުމުގެ ފުރުސަތު ކުޑަވެފައިވާ ކަމަށެވެ. އަދި އުފުލެމުންދާ އަގުތައް ކޮންޓްރޯލުކުރުމުގައި ކޮންމެވެސް މިންވަރެއްގެ ކާމިޔާބީއެއް މަރުކަޒީ ބޭންކުތަކަށް ހާސިލުވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް އަގުތައް އިތުރަށް އުފުލުނަނުދިނުމަށް އިތުރު މަސައްކަތްކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޔޫކުރެއިން ހަނގުރާމައާއި ކޮވިޑް-19 ފެތުރުން ހަންމަތަކުރުމަށް ޗައިނާއިން އަޅާ ފިޔަވަޅުތަކާއެކު އަތުވެދާނެ އިޤުތިޞާދީ ލޮޅުންތަކަށް ތައްޔާރުވާންޖެހޭކަމަށްވެސް ގޮރިންޗާސް ވިދާޅުވިއެވެ.