ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މޫނު މަހާވަރުއާއި ބައްދަލުކުރައްވަމުން އެބަގެންދަވައެވެ.
އަމީނު އެވެނިއުގައި ހުންނަ އިންޑިއާ ހައިކޮމިޝަނަރުގެ އެޕާޓްމެންޓުގައި ރައީސް ނަޝީދާއި އެކު އެމަނިކުފާނުގެ އަރިސް ބައެއް ފަރާތްތަކުން މިހާރު ދަނީ މޫނު މަހާވަރާއި ބައްދަލުކުރައްވަމުންނެވެ. މި ބައްދަލުކުރެއްވުމަކީ އެމްޑީޕީގެ ޕްރައިމެރީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވަން ނަޝީދު ދެކޮޅު ހެއްދެވުމާއި ގުޅިގެން ބާއްވާ ބައްދަލުވުމެއް ކަމަށް މައުލޫމާތުލިބެއެވެ.
އާންމުކޮށް ރައީސް އިބްރާހީމް އާއި ރައީސް ނަޝީދާއި ދެމެދު ކަންކަމުގައި ހިޔާލު ތަފާތުވުމުން އިންޑިއާ ސަފީރު ރައީސް ނަޝީދާއި ބައްދަލުކުރައްވައި މައްސަލަތައް ހައްލުކުރެއެވެ.
ބެލެވޭ ގޮތުގައި، އެމްޑީޕީ ޕްރައިމެރީގެ ނަތީޖާ ގަބޫލުކޮށް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމަށް ތާއީދުކުރަން އިންޑިއާއިން ރައީސް ނަޝީދަށް މިރޭ އަންގާނެއެވެ.
މީގެ ކުރިން ސަރުކާރާއި ދެކޮޅަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަން ފެއްޓެވުމުންވެސް ރައީސް ނަޝީދާއި ބައްދަލުކޮށް އިންޑިއާ ސަފީރު ވަނީ އެކަން ނުކުރުމަށް އަންގާފައެވެ.
ރައީސް އިބްރާހީމް ވެރިކަމާއި ހަވާލުވެވަޑައިގަތްފަހުން އިންޑިއާއިން ދަނީ ވަރަށް ފާޅުކަންބޮޑުގޮތެއްގައި ރާއްޖޭގެ ސިޔާސީ ކަންކަމުގެތެރެއަށް އަތް ބާނާއި ނުފޫޒު ފޯރުވަމުންނެވެ. މިގޮތުން ކުރިން އެންގުމަކާއި ނުލާއި ރައީސް އޮފީހާއި، ސިފައިންގެ މައި މަރުކަޒަށްވެސް އިންޑިއާ ސަފީރުދެއެވެ.