ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރިކުރާ އެެއް ކުންފުނިކަމަށްވާ ރެޑް ވޭވުގެ މުޅިން އައު ފިހާރައެއް މިއަދު ސޯސަން މަގުގައި ހުޅުވައިފިއެވެ.
ދެ ފަންގިފިލާ ހުންނަ މި ފިހާރަ ހުންނަނީ ސޯސަން މަގުގައި ކުރިން އަގޯރާގެ ފިހާރަ ހުރި އިމާރާތުގައެވެ. ރެޑްވޭވުގެ މިފިހާރައިގެ އެންމެ ތިރީ ފަންގިފިލާ ޚާއްޞަކޮށްފައިވަނީ ކާނާގެ ބާވަތްތަކަށެވެ. އާންމުކޮށް ރެޑްވޭވް ފިހާރަތަކުން ލިބޭ ކާބޯތަކެތީގެ ހުރިހާ ބާވަތްތަކެއް އެ ތަނުން ލިބެން ހުންނާނެއެވެ.
އެ ފިހާރައިގެ ދެވަނަ ފަންގިފިލާގައި ވިއްކަނީ ފޮއްޗާއި ގޭ ތެރޭގެ ހިފައި ގެންގުޅޭ ސާމާނެވެ. އެގޮތުން އަންހެނުންނަށް ޚާއްޞަ ފޮތީގެ އެކި ބާވަތްތައް ލިބެންހުރިއިރު ބަދިގޭ ސާމާނާއި ގެއަށް ބޭނުންވާ އިތުރު ތަކެތި އެ ފުލޯއިން ލިބެއެވެ.
މިއީ މާލެ ސަރަހައްދުގައި ހުޅުވި ރެޑްވޭވުގެ 13ވަނަ ފިހާރައެވެ. އަދި އިތުރު ފިހާރައެއް މަޖީދީ މަގުގައި ކުރިން އަގޯރާގެ ފިހާރަ ހުރި ތަނުގައި ހުޅުވުމަށް ރެޑްވޭވުން އަންނަނީ ތައްޔާރުވަމުންނެވެ. އެތަނަކީ ފަސް ފަންގިފިލާގެ ތަނެކެވެ.
މިއަދު އައު ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު މީޑިއާއާ ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖަރު އަލީ ޝަމީމު ވިދާޅުވީ ޖީއެސްޓީ ބޮޑުކުރުމުގެ އަސަރު އެ ކުންފުނިން ވިއްކާ މުދަލުން ނުފެންނާނެ ކަމަށެވެ. އަދި އެކުންފުނިން މަސައްކަތްކުރަނީ ވީހާވެސް ހެޔޮ އަގެއްގައި ރައްޔިތުންނަށް މުދާ ފޯރުކޮށްދިނުމަށް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ވިޔަފާރިކުރާއިރު އަގަށް ބަލައިގެން ވިޔަފާރިކުރާނަމަ، ރެޑްވޭވުގެ ފިހާރަތަކަކީ އެންމެ އަގުހެޔޮކޮށް ބާޒާރުން މުދާ ލިބޭ ފިހާރަތަކުގެ ތެރޭގައި ގުނޭނެ ފިހާރަތަކެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އަގުހެޔޮކޮށް އަސާސީ މުދާ ފޯރުކޮށްދިނުމަށް ރެޑްވޭވުން އިސްކަން ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.