ރައްޔިތުންގެ މަޖިލީހުގެ ރިސެސް ނިމި އަލުން މަޖިލިސް ހުޅުވުމާއެކު، ނިމިދިޔަ އެމްޑީޕީގެ ޕްރައިމަރީއާއި ކުރިން ބޭއްވި އެކި އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ ވަޒީފާ ސަރުކާރުން ކުންފުނިތައް މެދުވެރިކޮށް ބެހި އެމްޑީންނާ އެކަން އަރައިހަމަކުރާނެކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަނުގެ އެތައް މައްސަލައެއް އަމިއްލަ ފަރުދުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އޭނާގެ އަތްޕުޅުގައި އެކިއެކި އަމިއްލަ ފަރުދުން އޭސީސީއަށް ފެނަކައާ ގުޅޭ ގޮތުން ހުށަހަޅާފައިވާ 41 މައްސަލަ އެބައޮތް ކަމުގައި ޝިޔާމް ވިދާޅުވިއެވެ.
މިފަދަ ހާލަތުގައި ސޯޝަލް މީޑިއާގައި ސަރުކާރުގެ ކޮރަޕްޝަން އާންމުން ހާމަކޮށް އޭސީސީ ޓެގުކުރުމުން އެ މައްސަލަތައް އެ ކޮމިޝަނުން ބަލަންޖެހޭނެކަމަށް ޝިޔާމު ވިދާޅުވިއެވެ. އެގޮތުން އެފަދައިން ޓެގުކޮށް ހުށަހަޅާ މައްސަލަތަކަކީ ވިސްލް ބްލޯކުރުމުގެ ބާވަތެއްކަން ފާހަގަކުރައްވައި ޝިޔާމު ވިދާޅުވީ ވިސްލްބްލޯކުރުމަކީ ރާއްޖޭގައި މިހާރު ޤާނޫނީ ރައްކާތެރިކަމާއި ހިމާޔަތް އޮންނަ ކަމެއް ކަމަށެވެ.
އިތުރަށް ޝިޔާމު ވިދާޅުވީ އިންތިޚާބުތަކާ ވިއްދައިގެން ސަރުކާރުން ނުފޫޒު ފޯރުވުމުގެ ވާހަކަތަކަކީ ހަމައެކަނި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައެއް ނޫން ކަމަށެވެ. އެގޮތުން ރާއްޖޭގައި މިފަހުން ބޭއްވި ބައެއް އިންތިޚާބުތައް އޮބްޒާވުކުރަން އައި ބޭރުގެ އޮބްޒާވަރުންވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރައްވާކަން ފާހަގަކޮށްފައިވާކަމަށް ވިދާޅުވެ ޝިޔާމު ސުވާލުކުރެއްވީ އެފަދަ ކަންކަން އޭސީސީއަށް ނުބެލެނީ އަދި އެ ކޮމިޝަނުން ނުބަލަނީ ކީއްވެތޯއެވެ.
އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރާ ކަންކަމުގެ ތެރެއިން ސަރުކާރު ކުންފުނިތަކުން ވަޒީފާތައް ބެހުމުގެ މައްސަލައަށް އަލިއަޅުވައިލައްވައި ޝިޔާމު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް ހަމައެކަނި ފެނަކައިން 1000 އަށްވުރެ ގިނަ ވަޒީފާ އުފެއްދި ކަމަށެވެ. މައްސަލައަކީ ބަޔަކަށް ވަޒީފާއެއް ލިބުން ނޫންކަމަށް ވިދާޅުވެ ޝިޔާމު ފާހަގަކުރެއްވި މައްސަލައަކީ ރައީސް އިބްރާހީމަށް ވޯޓު ދިނުން ޝަރުތުކޮށް ސަރުކާރު ކުންފުނިތަކުން ވަޒީފާ ދެމުން އައުމެވެ.
އިންތިޚާބުތަކާ ދިމާކޮށް ވަޒީފާ ބަހާ ދައުލަތުގެ ކުންފުނިތަކުގެ އެމްޑީން ޖަވާބުދާރީކުރުވާނެކަމަށް ވިދާޅުވެ، ޝިޔާމު ޔަގީންކަން ދެއްވީ މަޖިލީހުގެ ރިސެސް ނިމި ފެބްރުއަރީ މަހު މަޖިލިސް ހުޅުވުމުން އެ ބޭފުޅުންނާ އެކަންކަން ބައްދަލުކުރާނެކަމަށެވެ. އަދި ކުރިންވެސް އެފަދަ މައްސަލަތަކުގައި ޖަވާބުދާރީކުރުވަން އިދިކޮޅުގެ މަޖިލިސް މެންބަރުން މަސައްކަތްކުރެއްވިކަމަށާއި އެއިރު އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ ކަމަށާއި ނަމަވެސް މިހާރު މަޖިލިސް ތެރެއިން އެއްބާރުލުން ލިބޭނެކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށް ޝިޔާމު ވިދާޅުވިއެވެ.