ޔުކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގާ ރަޝިޔާގެ ލަޝްކަރު ބަލިކުރުމަށް ޔޫކުރެއިނަށް އަސްކަރީ އެހީ ފޯރުކޮށްދިނުން އިތުރުކުރުމަށް ދެކުނު ކޮރެއާއަށް ނޭޓޯގެ ސެކްރެޓެރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ގޮވާލައްވައިފިއެވެ.
ދެކުނު ކޮރެއާގެ އޮފިޝަލުންނާއި އެކީގައި ބޭއްވި ބައްދަލުވުމުގައި، ޔޫރަޕާއި އުތުރު އެމެރިކާގައި ހިނގާ ކަންތައްތަކުގެ ސަބަބުން އެހެން ސަރަހައްދުތަކަށްވެސް ނޭދެވޭ އަސަރު ފޯރާނެކަމަށް ސްޓޮލްޓެންބާގް ވިދާޅުވިއެވެ. އެބޭފުޅާ އިތުރަށް ވިދާޅުވި ގޮތުގައި ނޭޓޯގެ މަގްސަދަކީ އޭޝިއާގެ ގައުމުތަކާއި ގުޅުން ގާއިމްކޮށް، އެ ގުޅުމުގެ އެހީގައި ބައިނަލްއަގްވާމީގޮތުން ދިމާވެދާނެ ނުރައްކާތެރިކަންތަކުން ސަލާމަތްވެ ތިބުމަށެވެ.
ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ސްޓޮލްޓެންބާގްވަނީ ޔުކްރެއިންއަށް ފޯރުކޮށްދެމުން އަންނަ އެހީ އިތުރަށް ފުޅާކުރުމަށް އެދިވަޑައިގަނެފައެވެ. މިދިޔަ އަހަރު ފެބްރުއަރީ މަހުގައި ރަޝިޔާއިން ޔުކްރެއިން ހިސާރުކުރުމަށް އިންޒާރުދީ، ހަނގުރާމަ ފެށްޓުމާއި ގުޅިގެން ޖަރުމަން އަދި ނޯވޭފަދަ ގައުމުތަކުންވަނީ އެ ގައުމުތަކުގެ ގާނޫނުތަކަށް ބަދަލުގެނެސް، ހަމަނުޖެހުމުގެ ތެރޭގައިވާ ގައުމުތަކަށް ހަތިޔާރު އެކްސްޕޯޓް ކުރެވޭގޮތަށް ހަދާފައެވެ. މި މިސާލުތަކާ ހަވާލާދީ އެބޭފުޅާވަނީ އެ ބަދަލުތައް ދެކުނު-ކޮރެއާއިންވެސް ގެނައުމަށް އެދިވަޑައިގެންފައެވެ.
ދެކުނު-ކޮރެއާގެ ދައުލަތުގެ މީޑިއާއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ސިފަކޮށްފައިވާގޮތުން، ސްޓޮލްޓަންބާގް އެގައުމަށް ކުރުއްވި ދަތުރުފުޅަކީ، އައު "ފިނި ހަނގުރާމަ" ހަނގުރާމައެއް އޭޝިއާ-ޕެސިފިކް ސަރަހައްދުތަކަށް ކުރިމަތިވުމުގެ ފެށުމެވެ.
ދެކުނު-ކޮރެއާއަކީ ދުނިޔޭގެ އެކި ގައުމުތަކަށް ހަތިޔާރު ވިއްކުމުގެ މަސައްކަތް ދުވަހުންދުވަހަށް ފުޅާކުރަމުން އަންނަ ގައުމެކެވެ. ޔޫރަޕުގެ ބައެއް ގައުމުތަކަށް މިހާރުވެސްވަނީ އެތައް ސަތޭކަ ޓޭންކް ވިއްކުމަށް އެއްބަސްވެފައެވެ. ނަމަވެސް، އެގައުމުން ބުނާ ގޮތުގައި، ޔުކްރެއިންއަށް ހަތިޔާރު ފޮނުވުމުގައި އެހާ ދަތިވަނީ އެގައުމުގެ ގާނޫނުގެ ދަށުން ހަނގުރާމައެއް ނުވަތަ އެހެނިހެން ހަމަނުޖެހުމެއްގެ ތެރޭގައި އޮތް ގައުމަކަށް ހަތިޔާރު ފޯރުކޮށްނުދެވޭނެތީއެވެ.