ޑެންމާކުގެ ކޯޕަންހޭގަނުގައި ހުންނަ މިސްކިތެއް ކުރިމަތީގައި ކީރތި ޤުރުއާން އެންދި އެންދުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ސްވިޑެންގެ ސްޓޮކްހޯމުގައި ހުންނަ ތުރުކީ އެމްބަސީ ކުރިމަތީގައި ކީރިތި ޤުރުއާން އެންދި ޑެންމާކުގެ ސިޔާސީ ލީޑަރު ރަސްމުސް ޕަލޫޑަން، ޑެންމާކުގެ މިސްކިތެއް ކުރިމަތީގައި ކީރިތި ޤުރުއާން އެންދީ ފާއިތުވި ހުކުރުދުވަހުއެވެ.
ހުކުރު ނަމާދުން މުސްލިމުން ފައިބާ ވަގުތާ ދިމާކޮށް ހެލްމެޓެއް އަޅައިގެން މިސްކިތް ކުރިމަތީގައި ހުރެ އޭނާ މުޞްޙަފެއް އަންދާލައި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކުޑައިމީސްވާ ފަދަ ބައެއް ތަކެތި އުފުލައި މިސްކިތުން ނިކުތް މުސްލިމުންނަށް ފުރައްސާރަކުރިއެވެ.
އެކަމާ ގުޅިގެން މިއަދު ޚާރިޖީވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަސްމުސް ޕަލޫޑަންގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މި މުޑުދާރު އެހާމެ ޤަދަރު ކުޑަ އަމަލު ތަކުރާރުކުރަމުން ދިއުމަކީ ޚިޔާލު ފާޅުކުރުމުގެ މިންވަންކަމަށް ކަމަށް ނުބެލެވޭނެ ކަމަށާއި، އެ އަމަލަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް މިލިއަން މުސްލިމުންގެ ދީނީ ޤަބޫލުކުރުންތަކަށް ކުރެވޭ ފުރައްސާރައެއްކަމަށް ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި މިފަދަ އިސްލާމުންނާމެދު ނަފުރަތު އުފެއްދުމުގެ އަމަލުތަކަކީ ތަހައްމަލުކުރުމުގެ އަގުކުރުންތައް ނެތިކޮށްލާ ކަންކަން ކަމަށާއި، އެކަމުގެ ސަބަބުން އިސްލާމުންނަށް ރުޅިއައުމާއި ނަފުރަތުކުރުން އިތުރުވާ ކަމަށް ސަރުކާރުން ބުންޏެވެ.
ސަރުކާރުން މި މައްސަލާގައި ބަޔާނެއް ނެރުނުއިރު، ސްވިޑެންގައި ކީރިތި ޤުރުއާން އެންދުމާ ގުޅިގެން ސަރުކާރުން ބަހެއް ބުނެފައިވަނީ އެކަމާމެދު ހިތްހަމަނުޖެހިގެން ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަން ފެށުމުންނެވެ.