ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވި ރައީސުލްޖުމުހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ކޯލިޝަން ހައްދަވާނެކަމެއް ނެތްކަމަށް ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމް ކޯލިޝަން ހެދުމުގެ ބޭނުމެއް ނެތްކަމަށާއި އެހެން ސިޔާސީ ޕާޓީތަކުގެ ބާރު އެނގޭނީ އޭރުންކަމަށެވެ.
އޭނާ ވިދާޅުވީ ކޯލިޝަންގައި ސަރުކާރުން ހިއްސާވާނެ މިންވަރު ކަނޑައަޅަން ޖެހޭނީ އެކަމަށް ބަލާފައިކަމަށާއި އުފެދޭ އެއްވެސް ކޯލިޝަނެއްގައި 60 އިންސައްތައަށްވުރެން އެމްޑީޕީގެ ހިއްސާ ބޮޑުވާން ޖެހޭނެކަމަށެވެ.
ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު އެމްޑީޕީ ފިޔަވައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެހެން އެއްވެސް ޕާޓީއަކުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އަދި މިހާތަނަށް ނިންމާފައެއް ނުވެއެވެ.
އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހީމް ކާމިޔާބު ކުރެއްވުމުންވެސް ކޯލިޝަނުގެ އެއްވެސް ޕާޓީއަކުން ރިޔާސީ އިބްތިހާބުގައި ރައީސް އިބްރާހީމާއެކު ތިބޭނެކަން އަދި މިހާތަނަށް ހާމަކޮށްފައެއްވެސް ނުވެއެވެ.
މީގެއިތުރުން ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރުމުން ރައީސް އިބްރާހީމަށް އެމަނިކުފާނު ކޯލިޝަން ހަދައިގެން ހުންނެވި އެއްވެސް ސިޔާސީ ޕާޓީއަކުން މަރުހަބާވެސް ކިޔާފައި ނުވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް ވާދަކުރެއްވުމުގެ ވިސްނުން އޮތީ އެ ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ކަމަށް ރައީސް އިބްރާހީމް މީގެކުރިން ވަނީ ވިދާޅުވެފައެވެ.