Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ރައީސް އިބްރާހީމާއެކު 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބުނުވާނެ: ރައީސް ނަޝީދު

މި އަހަރު ސެޕްޓެންބަރުގައި ބާއްވާ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއެކު އެމްޑީޕީއަށް ކާމިޔާބުނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވެވަޑައިގެންނެވި ފަހުން ބަސްފުޅެއް ވިދާޅުނުވެ ހުންނެވުމަށްފަހު އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ޕްރައިމަރީގެ ވޯޓުލުމުގައި ހިނގާފައިވާ އޮޅުވައިލުންތައް އެއްކިބާކޮށްފިނަމަ ރައީސް އިބްރާހީމަށް ލިބުނުކަމަށް ބުނާ ވަރަށް ގިނަ ވޯޓުތައް އުނިވާނެ ކަމަށެވެ.

ނަޝީދު މިފަދައިން ވިދާޅުވިއިރު އެމަނިކުފާނުގެ ކެމްޕެއިން ޓީމުންވަނީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންނަށްވުރެ ގިނަ މީހުން ބައެއް ފޮށިތަކަށް ވޯޓުލާފައިވާ މައްސަލަ ފާހަގަކޮށްފައެވެ. އަދި އިންތިޚާބުގެ ތެރޭގައި ބައެއް ވޯޓު ފޮށިތައް ކައިރީގައި ހަމަނުޖެހުން ހިނގައި އެ ވޯޓު ފޮށިތައް ފަޅައިލާ ވޯޓު ކަރުދާސްތައް ވީދައި ހަމަނުޖެހުން ހިނގުމުގެ ސަބަބުން ވޯޓުގެ ސައްހަކަމާމެދު ސުވާލު އޮތީ އުފެދިފައެވެ.

އިންތިޚާބު ނިމުނުއިރު ރައީސް އިބްރާހީމަށް 61 އިންސައްތަ ލިބިފައިވާކަމަށް ވަގުތީ ނަތީޖާތަކުން ދެއްކި ނަމަވެސް، އެ އިންތިޚާބު އެމަނިކުފާނު ކާމިޔާބުކުރެއްވީ ޕާޓީގެ ބާރުތައް އަތްޕުޅަށް ނަންގަވައިގެން ވޯޓު ގަޑުބަޑުކޮށްގެންކަމަށް ރައީސް ނަޝީދަށް ތާއީދުކުރާ އާންމު މެންބަރުން ގެންދަނީ ތުހުމަތުކުރަމުންނެވެ.

ރައީސް ނަޝީދު ޤައުމީ މަޖިލީހުގެ މެންބަރުންނަށް ފޮނުއްވި މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ ވޯޓުލީ ވޯޓާސް ލިސްޓަށް ބަލައިފިނަމަ ކުޑަ ފަރަގަކުން ރައީސް އިބްރާހީމް މޮޅުވާނެ ކަމަށް ކަމުގައެވެ. "އެހެނަސް އަޅުގަނޑު ލަފާ ކުރަނީ ވޯޓް ލީ ވޯޓާސް ލިސްޓަށް ބަލައިފިނަމަ ކުޑަ ފަރަގަކުން ރައީސް ޞާލިޙް މޮޅުވާނެ ކަމަށް.،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރައީސް އިބްރާހީމާއެކު އެމްޑީޕީއަށް އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ނުވާނެ ކަމަށެވެ. "އަޅުގަނޑަށް ފެންނަނީ ރައީސް ޞާލިޙާއެކު ގޮސް 2023 ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ކަމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ ސަޕޯޓަރުންނަށާއި އެމަނިކުފާނަށް ރައީސް އިބްރާހީމްވަނީ އެކީގައި މަސައްކަތްކުރަން ދައުވަތު ދެއްވާފައެވެ. އެއާއެކު އެމަނިކުފާނު ވިދާޅުވެފައިވަނީ ޕްރައިމަރީ ކާމިޔާބުކުރުމަށްވުރެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ފަސޭހަވާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ