Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓެނިސް

މިއީ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ: ޖޮކޮވިޗް

އިއްޔެ ނިމުނު އޮސްޓްރޭލިއަން އޯޕަންގެ ފިރިހެން ސިންގަލްސް ކާމިޔާބު ކުރެވުމަކީ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ސާބިއާގެ ނޮވަކް ޖޮކޮވިޗް ބުނެފި އެވެ.

އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން ޖޮކޮވިޗް ހޯދީ އިއްޔެ ކުޅުނު ފައިނަލުގައި ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސްއާ ވާދަކޮށް ތިން ސެޓުން މޮޅުވެގެންނެވެ. މެޗުގެ ސެޓުތައް ޖޮކޮވިޗް ކާމިޔާބުކުރީ 6-3، 7-6 އަދި 7-6 އިންނެވެ.

މިއީ އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން ޖޮކޮވިޗް ހޯދި 10 ވަނަ ފަހަރެވެ. މުބާރާތުގެ ތާރީހުގައި ކުޅުނު ހުރިހާ ފައިނަލެއް ޖޮކޮވިޗް ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި، މި ކާމިޔާބީއަކީ ޖޮކޮވިޗް ގްރޭންޑް ސްލޭމްގައި ހޯދި 22 ވަނަ ތައްޓެވެ. މިއާއެކު ޖޮކޮވިޗް ވެފައިވަނީ ސްޕެއިންގެ ރަފައެލް ނަޑާލްއާ އެކު އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބުކުރި ފިރިހެން އެތުލީޓަށެވެ. މި ކާމިޔާބީއާ އެކު އުމުރުން 35 އަހަރުގެ ޖޮކޮވިޗް ދުނިޔޭގެ ރޭންކިންގެ އެއްވަނަ އަށް އަރާނެ އެވެ.

"މިއީ ވަރަށް ދިގު ދަތުރެއް. އެކަމަކު ވަރަށް ހާއްސަ. މިފަހަރު މީ އަހަރެންނަށް އެންމެ މޮޅަށް ކުޅެވުނު މުބާރާތް. މިއީ އަހަރެންނަށް ޓެނިހުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ" މެޗަށް ފަހު ވާހަކަދައްކަމުން ޖޮކޮވިޗް ބުންޏެވެ.

2018 ވަނަ އަހަރުގެ ފަހުން އޮސްޓްރޭލިއަން އޯޕަންގައި ޖޮކޮވިޗް ބަލިވެފައެއްނުވެ އެވެ. ޖެހިޖެހިގެން ބަލިނުވެ 28 މެޗު ކުޅެފައިވާއިރު އެއީ ފިރިހެން ސިންގަލްސްގެ ރެކޯޑެކެވެ.

މިދިޔަ އަހަރު އޮތް އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރުމުގެ ފުރުސަތު ޖޮކޮވިޗް އަށް ގެއްލުނީ ކޮވިޑް ވެކްސިންގެ އުސޫލާ ގުޅިގެން އޮސްޓްރޭލިއާ އިން އޭނާ ޑީޕޯޓް ކޮށްލުމުންނެވެ. ޖޮކޮވިޗް ބުނީ މިފަހަރުގެ މުބާރާތަށް ތައްޔާރުވުމަށް ކުރަން ޖެހުނު ބުރަ މަސައްކަތް އޭނާގެ އާއިލާއަށާއި ޓީމަށް އެނގޭނެ ކަމަށެވެ.

އުނދަގޫ ހާލަތަކުން އަރައިގަނެ ތަށި ލިބުމުން ޖޮކޮވިޗަށް އުފަލުން ރޮވުނެވެ. އަދި އޭނާގެ އާއިލާ އާއި ސަޕޯޓަރުން މި ކާމިޔާބީ ވަރަށް ބޮޑަށް ފާހަގަކުރި އެވެ.

ހުރިހާ މެޗަކުން މޮޅުވެ ޗެމްޕިއަންކަން ހޯދިއިރު ޖޮކޮވިޗަށް މުބާރާތުގައި ގެއްލުނީ އެންމެ ސެޓެކެވެ. އެއީ ދެވަނަ ބުރުގައި ފްރާންސްގެ ކުޅުންތެރިއަކާ ވާދަކުރި މެޗުގައި ގެއްލުނު ސެޓެކެވެ.

ޖޮކޮވިޗާ ދެކޮޅަށް ކުޅުނު ސިޓްސިޕާސް، 24، އަށް އަދި ގްރޭންޑް ސްލޭމް ތައްޓެއް ކާމިޔާބެއް ނުކުރެވެ އެވެ. ސިޓްސިޕާސް ވަނީ 2021 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި ވެސް ޖޮކޮވިޗް އަތުން ބަލިވެފަ އެވެ.

އިއްޔެ ކުޅުނު ފައިނަލް މެޗު ބެލުމަށް 45000 މީހުން އެ ސަރަހައްދަށް ޖަމާވި އެވެ. އަދި، މެޗު ކުޅުނު އެރީނާ އަށް 15000 މީހުން ވަނެވެ.

މި ލިއުމާއި ގުޅޭ