ޔޫކުރެއިނަށް ހަނގުރާމަ މަތީ މަތިންދާބޯޓު ފޯރުކޮށްދިނުމަށް ޖަރުމަންވިލާތުގެ ބޮޑުވަޒީރު ދެކޮޅުހައްދަވައިފިއެވެ. އެއީ ޓޭންކަރުތަކެއް ޔޫކުރެއިނަށް ދިނުމަށް ޖަރުމަނުން އެއްބަސްވެފައިވަނިކޮށެވެ.
ޖަރުމަން ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ބޮޑުވަޒީރު އޯލާފް ޝޯލްޒްވަނީ ހަތިޔާރު ބީލަން ކުރުމުގެ ހަނގުރާމައާ ދެކޮޅުކަން ހާމަކުރައްވާފައިވެއެވެ. ނަމަވެސް ޔޫކުރެއިނުންވަނީ އެކުވެރި ޤައުމުތަކުން "ހަނގުރާމަ މަތީ މަތިންދާބޯޓު ކޯލިޝަނެއް" ޤާއިމުކޮށް އެ ޤައުމުގެ ވައިގެ ދިފާއީ ޤާބިލުކަން އިތުރުކޮށްދިނުމަށް އެދިފައެވެ.
އެމެރިކާއިން ބުނެފައިވަނީ ޔޫކުރެއިނަށް ހަނގުރާމަ މަތީ މަތިންދާބޯޓު ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ވަރަށް ވިސްނުންތެރިކަމާއެކު، ޔޫކުރެއިނާ މަޝްވަރާކުރާނެ ކަމަށެވެ.
ޝޯލްޒްގެ ބަސްދީގަތުމުގައި އޭނާ ވިދާޅުވީ ޖަރުމަން ވިލާތުގެ ސަމާލުކަން އޮތީ ޖަރުމަނުން އުފައްދާ ލެޕޯޑް 2 ޓޭންކުތައް ޔޫކުރެއިނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. ބުދަދުވަހު ޖަރުމަންވިލާތުންވަނީ 14 ލެޕޯޑް-2 މަރުކާގެ ޓޭންކު ޔޫކުރެއިނަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދީފައެވެ.
ޖަރުމަންވިލާތުން ޓޭންކުތައް ދިނުމަށް ނިންމުމާއެކު އެމެރިކާއިންވަނީ ޔޫކުރެއިނަށް އެ ޤައުމުގެ އެމް-1 އެބްރަމްސް ޓޭންކުތައް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދީފައެވެ.
ޔޫކުރެއިނުގެ ޚާރިޖީވަޒީރުގެ ނައިބު އެންޑްރީ މެލްނީކް ގޮވާލައްވާފައިވަނީ، ހަނގުރާމަ މަތީ މަތިންދާބޯޓު ކޯލިޝަނެއް އުފައްދައި އެމެރިކާގެ އެފް-16 އަދި އެފް-35 މަރުކާގެ ޖެޓުތަކާއި، ޔޫރޯފައިޓާ ޖެޓާއި، ޓޯނޭޑޯއާއި ފަރަންސޭސި ރަފައެލް ޖެޓުތައް ޔޫކުރެއިނަށް ފޯރުކޮށްދިނުމަށެވެ.
ޔޫކުރެއިންގެ ރައީސްގެ މުޝީރު މިޚައިލޯ ޕޮޑޮލްޔަކް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ރަޝިޔާގެ މުހިއްމު ހަތިޔާރުތައް މަދުުކުރުމަށް ޔޫކުރެއިނަށް ގިނަ އަދަދެއްގެ މިސައިލުތައް ބޭނުންވާ ކަމަށެވެ.