Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިސްރު

މިސްރުގެ އުޤުޞުރުން ރޯމަނުންގެ "ފުރިހަމަ" ޤަދީމީ ޝަހަރެއް ހޯދައިފި

މިޞްރުގެ ދެކުނުގެ ޝަހަރެއްކަމަށްވާ އުޤުޞުރުން 1،800 އަހަރުވީ ފުރިހަމަ ރޫމީ ޝަހަރެއް ފެނިއްޖެކަމަށް މިޞްރުގެ އާކިއޮލޮޖިސްޓުން ބުނެފިއެވެ.

އަންގާރަދުވަހު ނެރުނު އިއުލާނެއްގައި މިޞްރުގެ އާސާރީ ތަރިކައާ ބެހޭ އެންމެ މަތީ މަޖިލީހުގެ ވެރިޔާ މުޞްޠަފަލް ވަޒީރީ ވިދާޅުވެފައިވަނީ އުޤުޞުރުން ފެނުނު "މީހުން ދިރިއުޅުނު ފުރިހަމަ ރޫމީ ޝަހަރަކީ" ދެވަނަ އަދި ތިންވަނަ ޤަރުނަށް ނިސްބަތްވާ ޝަހަރެއް ކަމަށެވެ. އަދި އެއީ އުޤުޞުރުގެ އިރުމަތީ އައްސޭރިން މިހާތަނަށް ހޯދުނު އެންމެ މުހިއްމު ޝަހަރު ކަމަށެވެ.

ވަޒީރީ ވިދާޅުވި ގޮތުގައި އެ ސަރަހައްދުން މީހުން ދިރިއުޅުނު ބައެއް ޝަހަރުތަކާއި، ޕިޖަން ޓަވަރުތަކެއް ފެނުނު ކަމަށެވެ. އަދި މައުދަނުގެ މަސައްކަތްކުރާ ވޯކްޝޮޕްތަކެއްވެސް އެ ސަރަހައްދުން ފެނުނުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ވޯކްޝޮޕުގެ ތެރެއިން ގޭގައި ހިފާ ގެންގުޅޭ ބައެއް ސާމާނާއި، އާލާތްތަކާއި، ރޫމީ ޒަމާނުގެ ބައެއް ފައިސާވެސް ފެނިފައިވާކަމަށް ވަޒީރީ ވިދާޅުވިއެވެ.

މިއީ މިޞްރުން ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތުގެ އާސާރީ ހޯދުމެކެވެ. އާންމުކޮށް މިސްރު އަދި ޚާއްޞަކޮށް އުޤުޞުރުން ހޯދެނީ މަޤުބަރާތަކާއި ފައްޅިތަކެވެ. އެގޮތުން ރަސްކަލުންނާއި ރަނިންގެ ވާދީ އޮންނަނީ އުޤުޞުރުގެ ހުޅަނގު އައްސޭރީގައެވެ.

2021 ވަނަ އަހަރުގެ އޭޕްރީލުގައި މިޞްރުގެ އިދާރާތަކުންވަނީ އުޤުޞުރުގެ ހުޅަނގު އައްސޭރިން 3،000 އަހަރުވީ ޤަދީމީ ޝަހަރެއް ހޯދުނުކަން އިއުލާނުކޮށްފައެވެ. އެ ޝަހަރަކީ މިޞްރުން މިހާތަނަށް ހޯދުނު އެންމެ ބޮޑު ޤަދީމީ ޝަހަރުކަމަށް އާކިއޮލޮޖިސްޓުން ބުނެއެވެ.

ފާއިތުވި އަހަރުތަކުގައި މިޞްރުންވަނީ ގިނަ އަދަދެއްގެ އާސާރީ ހޯދުންތައް އަލަށް ހޯދިފައިވާކަން އާންމުކޮށްފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަމުން އަންނަނީ އާސާރީ ހޯދުންތައް ހޯދުމުގައި ބުރަދަންހުރި އިލްމީ ދިރާސާކުރުމަށްވުރެ މީޑިއާގެ ސަމާލުކަން ހޯދުމަށް އިސްކަންދެމުން އަންނަ ކަމަށެވެ.

ނަމަވެސް ކޮވިޑް-19ގެ އާލަމީ ވަބާއިން ނޭދެވޭ އަސަރުކޮށްފައިވާ މިސްރުގެ ފަތުރުވެރިކަން ދިރުވުމަށް އެ ޤައުމުން ކުރާ މަސައްކަތުގެ މައިގަނޑު އެއް ބަޔަކީ އަލަށް ހޯދޭ މިފަދަ އާސާރީ ހޯދުންތަކެވެ.

މި ލިއުމާއި ގުޅޭ